ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ކ. އަތޮޅުގެ ތިން ރަށަކަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ގުރައިދޫ، މާފުށި އަދި ގުޅީ ޕޮލިހުގައި މަސައްކަތްކުރާ މުވައްޒަފުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ ޕޮލިސް މަރުކަޒުތަކުގެ ހާލަތު ވަޒަންކުރެއްވުމަށް ކޮމިޝަނަރ ކުރައްވަމުން ގެންދަވާ ޒިޔާރަތްތަކުގެ ތެރެއިން ކުރިއަށްގެންދެވި ދަތުރުފުޅެކެވެ.
އެ ރަށްރަށުގެ ފުލުހުންނާ ބައްދަލުކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި، ފުލުހުންގެ ސުލޫކީ މިންގަނޑު ހިފެހެއްޓުމަށާއި، ޔުނީފޯމް އެޅުމުގެ މިންގަނޑުތައް އެންމެ މަތީ ދަރަޖައިގައި ބެހެއްޓުމަށް އިލްތިމާސްކުރެއްވިއެވެ. އަދި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އޯގާތެރިކަމާއި ހަމަހަމަކަން ގާއިމުކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރަށްރަށުގައި ފުލުހުންގެ އަމިއްލަ މަރުކަޒުތައް އެޅުމަށް ފަށާފައިވާ މަޝްރޫއުގެ ދަށުން އެ ތަންތަން ގާއިމުކުރެވިގެން ދިއުމުން ފުލުހުންގެ މަސައްކަތަށާއި މުވައްޒަފުންނަށް ދިމާވާ ދަތިތަކަށް އެދެވޭ ހައްލެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ރަށްރަށުގެ ރައްޔިތުން ފުލުހުންނާ ވަރަށް ގާތުން ގުޅިގެން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި، އެއީ ފުލުހުންގެ މަސައްކަތްތަކަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކާއި ފަސޭހައެއް ކަމަށް ވެސް ކޮމިޝަނަރ ވިދާޅުވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން ގުރައިދޫއަށް ޒިޔާރަތްކުރައްވައި، އެ ރަށުގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ކޮމިޝަނަރ ވަނީ ޒިޔާރަތްކުރައްވާފައެވެ. އެގޮތުން އެ މަރުކަޒުގެ އިސްވެރިންނާ ބައްދަލުކުރައްވައި، މަރުކަޒުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް އޮޅުންފިލުއްވުމުގެ އިތުރުން، ފުލުހުންގެ ފަރާތުން އެ މަރުކަޒަށް ބައެއް ތަކެތި ހަދިޔާކުރެއްވިއެވެ.
މި ބައްދަލުވުންތަކުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން، ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި، ސީނިއަރ އޮފިސަރުންނާއި، އެ ރަށްރަށުގައި މަސައްކަތްކުރާ ފުލުހުންނާއި އާންމު މުވައްޒަފުން ބައިވެރިވެލެއްވިއެވެ.




