ބ. އޭދަފުށީގައި ސަރުކާރުން ތަރައްޤީކުރާ އިސްލާމި މަރުކަޒުގެ ބިންގާ މިއަދު އަޅައިފިއެވެ.
އެ ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުޙައްމަދު ޝިޖާއު ޢަބްދުލް ޙަކީމްއާއި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމެވެ.
މުޅިއަކު 2 ފަންގިފިލާގެ މި އިމާރާތުގައި ނަމާދުކުރުމުގެ އިތުރުން، އިތުރު މުހިންމު ޚިދުމަތްތަކެއް ދިނުމަށް ވަސީލަތްތައް ޤާއިމުކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ. އެ މިސްކިތުގެ ނަމާދުކުރާ ބައިގެ ޖަގައަކީ 700 އެވެ.
މީގެއިތުރުން އެކިއެކި ހަރަކާތްތައް ކުރިއަށްގެންދެވޭގޮތަށް މަލްޓިޕަރޕަސް ހޯލަކާއި އަދި 3 ކްލާސްރޫމްވެސް އޭދަފުށީގައި އިމާރާތްކުރާ އިސްލާމީ މަރުކަޒުގައި ތަރައްޤީ ކުރާނެއެވެ. އަދި ލައިބްރަރީއަކާއި އޮފީސް ބައެއްވެސް ހިމެނެއެވެ. ހިފްޒް ކްލާސްތައް ހިންގުމަށް ޚާއްސަ ބައެއްވެސް ހިމެނެއެވެ. މީގެއިތުރުން ހިނަވާ ގެއެއްވެސް މި ޕްރޮޖެކްޓްގައި ހިމަނައިގެން ހެދުމަށް ވަނީ ހަމަޖެހިފައެވެ.
މި ވަސީލަތްތަކުގެ މަޤްޞަދަކީ، މި މަރުކަޒަކީ އިސްލާމީ ތަޢުލީމު އުނގަންނައިދިނުމާއި، މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމާއި، އޭދަފުށީގެ ރައްޔިތުންނަށް ބޭނުންވާ ދީނީ ޚިދުމަތްތައް ފޯރުކޮށްދޭ ފުރިހަމަ ދީނީ އަދި ތަޢުލީމީ މަރުކަޒަކަށް ހެދުން ކަމުގައި އެ މިނިސްޓްރީން ބުންޏެވެ.



