ރަސްމާލޭގެ ބިމުގެ އަގާ މެދު ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު، ބިން އަގުކުރުމުގެ ހަމަތަކާ އެއްގޮތަށް ވިސްނާލުމެއް ނެތި ކުރަމުންދާ ކަމެކެވެ. ހާއްސަކޮށް ރަސްމާލޭގެ ބިމުގެ އަގު 408 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބުނެދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެކެވެ.
ބިން ހިއްކުމަށް ހިނގާ ހަރަދު
ރަސްމާލޭގެ ބިމުގެ އަގު ކަނޑައެޅުމުގައި އެންމެ ފުރަތަމަ ބަލަންޖެހޭނީ އެ ބިން އުފެއްދުމަށް ހިނގާ ހަރަދަށެވެ. އުމްރާނީ ތަރައްގީއާއި ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވާ ގޮތުގައި، 1،100 ހެކްޓަރުގެ ބިން ހިއްކުމަށް 500 މިލިއަން ޑޮލަރަށްވުރެ ކުޑަ ޚަރަދެއް ހިނގާނެ ކަމަށެވެ. ނަމަވެސް މަޝްރޫއާ ދެކޮޅު ފަރާތްތަކުން 700 މިލިއަން ޑޮލަރު ޚަރަދުވާ ކަމަށް ބުނެއެވެ. މިގޮތުން ބަލާއިރު، އީގަލް ހިލްސްއަށް ދޫކުރާ 500 ހެކްޓަރު ހިއްކުމަށް އެންމެ ގިނަވެގެންވެސް ހިނގާނީ 250 މިލިއަނާއި 350 މިލިއަން ޑޮލަރާ ދެމެދުގެ ޚަރަދެކެވެ.

ހުޅުމާލެއާއި ރަސްމާލެ އަޅައިކިޔުން: އިންސާފެއް ނޫން!
ބައެއް ފަރާތްތަކުން ރަސްމާލޭގެ ބިން އަގުކުރުމަށް ހުޅުމާލޭގެ ބިމުގެ އަގު މިންގަނޑަކަށް ބޭނުންކުރެއެވެ. ނަމަވެސް މިއީ ދެމެދުގައި ބޮޑެތި ތަފާތުތަކެއް ހުރި ދެ ސަރަހައްދެކެވެ:
- އުމްރާނީ ވަސީލަތްތައް: ހުޅުމާލެއަކީ ބްރިޖަކުން މާލެއާ ގުޅިފައި، މަގުތައް ހަދައި، ފެނާއި ކަރަންޓާއި ނަރުދަމާގެ ޚިދުމަތް ގާއިމުކޮށް، ސްކޫލް، ހޮސްޕިޓަލް އަދި ވިޔަފާރީގެ އެކި ވަސީލަތްތައް ގާއިމުކުރެވި، ލައްކައަކަށްވުރެ ގިނަ މީހުން އާބާދުވެފައިވާ ތަނެކެވެ.
- ހުސް ބިން: ރަސްމާލެއަކީ އެއްވެސް ޚިދުމަތެއް ނެތި، ހިއްކިގޮތަށް އޮތް ޚިދުމަތްތައް ގާއިމުކުރަންޖެހޭ ހުސް ބިމެކެވެ.
ވީމާ، ފުރިހަމައަށް ތަރައްގީވެފައިވާ ހުޅުމާލޭގެ ބިމުގެ އަގާ، އަދި ހިއްކާފައިވާ ހުސް ބިމެއްގެ އަގު އެއްގޮތް ކުރުމަކީ ބިން އަގުކުރުމުގެ އުސޫލުތަކާ މުޅިން ހިލާފު ކަމެކެވެ. ހަމަ މި ބީދައިން، މާލެއާ ކައިރީގައި އޮންނަ ގުޅީފަޅު ބިމުގެ އަގު ކަނޑައެޅުމުގައިވެސް ހުޅުމާލޭގެ އަގަށް ނުބަލަނީ އެ ދެ ރަށުގެ އިގްތިސާދީ އަދި އުމްރާނީ ތަފާތު ބޮޑުކަމުންނެވެ.

ބުރިޖާއި ބިމުގެ އަގަށް އަންނަ ބަދަލު
ހުޅުމާލެއަށް ބަލާނަމަ، ބްރިޖް އެޅުމުގެ ކުރިން އަކަފޫޓެއް ވިކެމުންދިޔައީ އެވެރެޖުކޮށް 2،000 ރުފިޔާއަށެވެ. ނަމަވެސް ބްރިޖް އެޅުމާ ގުޅިގެން ޚިދުމަތްތަކަށް ވާސިލުވުން ފަސޭހަވެ، އެ އަގު ވަނީ 7،500 ރުފިޔާއަށް އުފުލިފައެވެ. މީގެން އެނގެނީ ބިމެއްގެ އަގު ކަނޑައެޅުމުގައި އެތަނަކަށް ލިބޭ ފަސޭހަތަކާއި އުމްރާނީ ތަރައްގީއަށް ބަރޯސާވާ މިންވަރެވެ.

އިގްތިސާދީ އަދި ވިޔަފާރި އުސޫލުން އަގުކުރުން
ރަސްމާލޭގެ ބިމުން އިގްތިސާދީ ހަރަކާތްތައް ހިންގައިގެން ލިބޭނެ އާމްދަނީއަށް ބަލާއިރު:
- ފަތުރުވެރިކަމަށް ދޫކުރާ 500 ހެކްޓަރުގެ ބިމުން، އިކުއިޒިޝަން ކޯސްޓުގެ ގޮތުގައި 316 މިލިއަން ޑޮލަރު ލިބޭނެއެވެ.
- އަދި 99 އަހަރުގެ މުއްދަތަކަށް ކުލީގެ ގޮތުގައި ލިބޭނީ 198 މިލިއަން ޑޮލަރެވެ.
- މި ހުރިހާ އެއްޗެއް އެއްކޮށްލާއިރުވެސް 99 އަހަރުގެ ތެރޭގައި ބިމުގެ ކުއްޔާއި އިކުއިޒިޝަން ކޯސްޓުގެ ގޮތުގައި ޖުމްލަ ލިބޭނީ ގާތްގަނޑަކަށް 514 މިލިއަން ޑޮލަރެވެ.
އީގަލް ހިލްސް ފަދަ ކުންފުންޏަކުން މިފަދަ މަޝްރޫއެއް ހިންގާއިރު، މަގު ހެދުމާއި، ފެނާއި ކަރަަންޓާއި ނަރުދަމާ ގާއިމުކުރުމުގެ އިތުރުން 8،000 ޕްރޮޕަޓީ ތަރައްގީކޮށް މާކެޓުކުރުމަށް ބޮޑެތި ޚަރަދުތަކެއް ކުރަންޖެހެއެވެ. މި ހުރިހާ ޚަރަދުތަކެއް އުނިކުރުމުން ބިމުގެ ހަގީގީ އަގު މާބޮޑަށްވެސް ތިރިވާނެއެވެ.
ކޮންމެ މިންގަނޑަކުން ބެލި ނަމަވެސް، ރަސްމާލޭގެ ބިމުގެ އަގު ކަމަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކަކީ ބިމުގެ އަގު ވަޒަންކުރުމުގެ އުސޫލުތަކާ މުޅިން ހިލާފަށް، އެއްވެސް އަސާސެއް ނެތި އުފައްދާފައިވާ ވާހަކަތަކެކެވެ.




1 Comment
މިއީ މީޑިޔާއިން ކުރުން މުހިންމު މަސައްކަތެއް: މި ޒަމާނުގެ މީހުނަށް ތެދު ވިސްނުމަކީ ކޮބައިކަން އަންގައިދޭން އެބަޖެގޭ. ހަމަ ހުރެބަހައްޓާފަ އެއްވެސް ޑޭޓާއެއް ނުބަލާ ސޯޝަލް މީޑިޔާ، ޖަގަހަތައް، ގޭތެރޭ ހިތުހުރި ވާހަ ދައްކާ މީހުނަކީ ޖާހިލުން. އެ މީހުނަކީ ވަގުތު ހިނގާ ގޮތް، ދުނިޔެ ހިނގާ ގޮތްވެސް ނޭނގޭ ބައެއް. އެމީހުން އަނގައިން ނެކުންނާނީ ހުސް ނަޖިސް. ހުޅުމާލެ ހިއްކި އަހަރުތަކުގައި އިކޮނޮމިކްސް އޮތް ގޮތާ، އިކޮނޮމިކްސް މިހާރު އޮތް ގޮތްވެސް ނޭނގި، އެ ތަފާތު އަޅާ ކިޔަންވެސް ނޭނގި، އެއްވެސް ކިތާބު ކުރުމެއް ނަހަދާ، އޮއްޓަރުހުރި ވިސްނުމެެއް ނުވިސްނާ، ހަމައެކަނި ކޮފީ މޭޒުތަކުގެ ބޮޑޭ ރޯނުއެދުރު ވާހަކައިގެ ތެރޭ ފީނަމުން ބޭކާރު ވާހަކަ ހަދަހަދައިގެން ދައްކުމަށްފަހު އިންޓަނެޓުގެ ނާޖައިޒް ފައިދާ ނަގައިގެން އެފިތުނަތައް ފަތުރާލާ ޖާލިލުންނަކީ ހުރިހާ ޤައުމަކަށް ކުރިމަތިލާން ޖެހިފައިވާ އެންމެ ބޮޑު ވަބާ. މިސްއިންފޯމޭޝަން. އެހެންވެ މީޑިޔާއިން އެބަޖެހޭ ސަރުކާރުގެ ހުރިހާ މަޝްރޫއެއްގެ ތަފްސީލު ހޯދާ ރައްޔިތުންނަށް ސާފުކޮށްދޭން. ނަންބަރުތަކަކީ ކޮބައިކަން، ހާލަތަކީ ނުވަތަ ކޮންޓެކްސްޓްއަކީ ކޮބައިގެން، ރޭވުމަކީ ނުވަތަ ޕްލޭންއަކީ ކޮބައިކަން…. ދޮގު ވާހަކަތަކަކީ ކޮބައިކަން. މިކަންކަން ހޯދާ، ރައްޔިތުންނަށް ތެދުވެރިކަމާއެކު ކިޔައިދޭން ތިބި ހަމައެކަނި ބަޔަކީ މީޑިޔާ. ތަފްސީލުތައް އެނގުން މުހިންމު، އެހެންވެ މި ޕްރޮޖެކްޓް މީޑިޔާއިން ވަރަށް ގާތުން ފޮލޯ ކުރާނެކަމަށް އުންމީދުކުރަން. ޝުކުރިއްޔާ.