ނަފްސާނީ ފަރުވާ ހޯދުމަކީ ހިތްވަރުގަދަކަމެއްގެ ގޮތުގައި ބަލައިގަންނަ މުޖުތަމަޢެއް ބިނާކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ސާކް ސައިކޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް އިފްތިތާޙްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން އެކަމަނާ ވަނީ ނަފްސާނީގޮތުން ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަމަކީ ހަމައެެކަނި ބޭސްފަރުވާއާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި އެއީ އިންސާނާގެ ކަރާމަތާއި އިންސާނީ ގުޅުމާއި މިއަދާއި މާދަމާގެ ކުރިމަގަށް ގެންގުޅޭ އުއްމީދާ ގުޅުންހުރި ކަމެއް ކަމަށެވެ. އަދި ކޮންމެ ނަފްސާނީ ކަމެއްގެ ފަހަތުގައި އެތައް ވާހަކަތަކެެއްވާ ކަމަށާއި އެކަންކަން ދެނެގަނެ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް މުޖުތަމަޢުގެ ދައުރު މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
”މީގެ ތެރޭގައި ހިމެނެނީ އެންޒައިޓީއާ ހަނގުރާމަ ކުރަމުންދާ ޒުވާނެއް. ޒިންމާތައް ބޮޑުވެ، ފިކުރު ބޮޑުވެފައިވާ ބެލެނިވެރިއެއް، އިމޯޝަނަލް ޑިސްޓްރެސް ބަޔާންކުރަން ނޭނގޭ ކުޑަކުއްޖެއް. ސުވާލުތަކަށް ޖަވާބުހޯދާ، އެއްބާރުލުން ބޭނުންވާ އާއިލާއެއް. މިއީ ހަމައެކަނި މެޑިކަލް ކޭސްތަކެއް ނޫން ނުވަތަ ތަފާސްހިސާބުތަކެއްވެސް ނޫން. އެއީ އިންސާނުން. އެއީ އާއިލާތައް. އެއީ އަޅުގަނޑުމެންގެ މުޖުތަމަޢުގެ ހިއްސާއެއް. އެއިން ކޮންމެ މީހެއްގެ ދުޅަހެޔޮކަން އަޅުގަނޑުމެންނަށްވެސް މުހިންމުވާންޖެހޭ،“ މެޑަމް ސާޖިދާ ވިދާޅުވިއެވެ.




