ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ރާއްޖޭގައި މިއަދު ފަށައިފިއެވެ. މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ.
މި ކޮންފަރެންސްއަކީ ސައިކިއޭޓްރިކް އަދި ނަފްސާނީ ދުޅަހެޔޮކަމާއިމެދު ކަމާގުޅުންހުރި ތަޖުރިބާކާރުން އެއްތަންވެ މަޝްވަރާކުރުމަށް ބާއްވާ ކޮންފަރެންސެކެވެ. އަދި މި ކޮންފަރެންސްގައި ސާކް ގައުމުތަކުނ މަންދޫބުން ބައިވެރިވެއެވެ.
މުޅިއަކު ދެ ދުވަހުގެ ނިޔަލަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގައި ކުރިއަށްދާ މި ކޮންފަރެންސްގައި 250 އެއްހާ މީހުން ބައިވެރިވެއެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާއާއި ގުޅުންހުރި އެކިއެކި މައުޟޫޢުތަކަށް މި ކޮންފަރެންސްގެ ތެރެއިން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުން ވާހަކަދެއްކުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި ކޮންފަރެންސްގެ ބޭނުމަކީ ނަފްސާނީ ދުޅަހެޔޮކަމާއި އަދި ސައިކިއޭޓްރިކްގެ ދާއިރާއިން ސާކްގެ ޤައުމުތަކުގެ މެދުގައި އިލްމު ހިއްސާކުރުމާއި، ތަޖުރިބާ ބަދަލުކުރުމާއި، އަދި މި ދާއިރާ ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާއި މެދު މަޝްވަރާކުރުމެވެ.
ސާކް ސައިކިއޭޓްރިކް ފެޑަރޭޝަންގައި ސާކްގެ 8 ޤައުމުން ބައިވެރިވެއެވެ. އެއީ ރާއްޖޭގެ އިތުރުން އަފްޣާނިސްތާން، ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާއެވެ.



