ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް ނިޔާވެއްޖެއެވެ.
ރިލްވާން ނިޔާވީ އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް ކަމުގައި މައުލޫމާތު ލިބެއެވެ. ނިޔާވިއިރު އުމުރުން 72 އަހަރެވެ.
ފިނޭންސް މިނިސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ރިލްވާން އަކީ، އެ މިނިސްޓްރީގެ އެކި މަޝްރޫއުތަކާއި މާލީ ސިޔާސަތުތައް ތަންފީޒުކުރުމުގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި، ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމު އޭނާ އަދާކުރެއްވިއެވެ. ޚާއްސަކޮށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ރާއްޖެއަށް ގެނައި މާލީ ގިނަ އިސްލާހުތަކުގައި އޭނާގެ ދައުރު ބޮޑެވެ.
ދިވެހި ސަރުކާރުގެ ފަރާތުން ދިރާގުގެ ބޯޑަށް ރިލްވާން އައްޔަންކުރައްވައި، ބޯޑު އޮފް ޑިރެކްޓަރުންގެ ޗެއާމަންކަން ކުރެއްވިއެވެ. އޭނާ އެ މަގާމުން ވަކިކުރީ، ފެބްރުއަރީ 2015 ގައެވެ.
މީގެއިތުރުން ރިލްވާން ވަނީ، ގިނަ ދުވަސްތަކެއް ވަންދެން ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވާފައެވެ. އަދި މޯލްޑިވްސް ސްޓޮޮކް އެކްސްޗޭންޖުގެ ޑިރެކްޓަރު ކަމުގެ މަގާމުވެސް އޭނާ އަދާކުރެއްވިއެވެ.



