ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓަށް މުޅިން އަލަށް ”ކިންގް އެއާ 360“ މަރުކާގެ ބޯޓެއް ގެނެސް، މިއަދު ޚިދުމަތަށް ނެރެން ތައްޔާރުވެއްޖެއެވެ.
މިއީ ޤައުމީ އެއާލައިނުން މި މަރުކާގެ ބޯޓެއް މެދުވެރިކޮށް ލަގްޒަރީ އުދުހުންތައް ފަށާ ފުރަތަމަ ފަހަރެވެ. މި ޚިދުމަތް މޯލްޑިވިއަނުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނިލާ ކޮރެލްސްއާ ގުޅިގެންނެވެ.
މި އައު ބޯޓު ފަރުމާކޮށްފައިވަނީ 8 ފަސިންޖަރުންގެ ޖާގައާއެކު، ފަތުރުވެރިކަމުގެ ލަގްޒަރީ އަދި ވިޔަފާރީގެ ދަތުރުފަތުރުގެ ދާއިރާއަށް ޚާއްޞަ އިސްކަމެއް ދީގެންނެވެ. ދެ އިންޖީނު އަޅާފައިވާ ޓާބޯޕްރޮޕްގެ މި މަތިންދާބޯޓަކީ އޭގެ ހަލުވި ދުވެއްޔާއި، އިތުބާރާއި، އަދި ހިތްފަސޭހަ ކެބިންގެ ސަބަބުން މަޤުބޫލުކަން ހޯދާފައިވާ ބޯޓެކެވެ.

މޯލްޑިވިއަނުން ހާމަކުރި ގޮތުގައި، މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ”ނިލާ ކޮރަލް އައިލެންޑް“އަށް ޚާއްޞަ އެއާ ޓްރާންސްފާ ޚިދުމަތް ފޯރުކޮށްދިނުމަށެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށްވެސް މި ބޯޓު ލިބެން ހުންނާނެއެވެ.
މޯލްޑިވިއަންގެ ފްލީޓަށް މި ބޯޓު ގެނައުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑުގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ސަލީމު ވިދާޅުވީ، ރާއްޖޭގެ އިޤުތިޞާދުގެ މައިބަދައަކީ ފަތުރުވެރިކަން ކަމަށާއި، ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީވަމުން އަންނައިރު ރާއްޖެއަށް އަންނަ ފަތުރުވެރިން އެއްތަނުން އަނެއް ތަނަށް ގެންދިއުމަށް އެންމެ ގިނަ މަސައްކަތްކުރާ އެއް ކުންފުންޏަކީ މޯލްޑިވިއަން ކަމަށެވެ.

ސަލީމް އިތުރަށް ވިދާޅުވީ، ސީޕްލޭންގެ ޚިދުމަތް ނުދެވޭ ވަގުތުތަކުގައި، ޚާއްޞަކޮށް ރޭގަނޑު އަންނަ ލަގްޒަރީ ފަތުރުވެރިންނަށް ޚިދުމަތް ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެފަދަ ޑިމާންޑެއް އަބަދުވެސް އޮންނަ ކަމަށެވެ.
”މި ޚިދުމަތް ރާއްޖޭގެ ހުރިހާ ވިޔަފާރި ކުންފުނިތަކަށް ބޭނުންކުރުމުގެ ފުރުސަތު އޮންނާނެ. އަދި އަމިއްލަ ފަރުދުންނާއި، ޖަމާއަތްތަކަށްވެސް މި ޚިދުމަތް ބޭނުންކުރުމުގެ ފުރުސަތު އޮންނާނެ. އެހެންވީމާ ރިސޯޓުތަކާއި، ކުންފުނިތަކާއި، ކުލަބް ޖަމްޢިއްޔާތަކާއި މި ހުރިހާ ތަނަކުންވެސް މި ލަގްޒަރީ ޕްރޮޑަކްޓް ބޭނުންކުރަމުން ދިއުމަކީ ގައުމަށް އަދި ގައުމީ އެއާލައިނަށްވެސް ލިބިގެންދާ ފަހުރަކާއި ޝަރަފަކަށް ވެގެންދާނެ،“ ސަލީމް ވިދާޅުވިއެވެ.
ދަތުރުވެރިން ބޭނުންވާ ވަގުތެއްގައި ސީދާ މަންޒިލަށް ފުރޭ ގޮތަށް ދޭ މި ޚިދުމަތުގެ ސަބަބުން ޓްރާންސިޓުގައި އިންތިޒާރު ކުރަންޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް މޯލްޑިވިއަނުން ފާހަގަކުރެއެވެ.

މޯލްޑިވިއަނުން މިހާރު އަންނަނީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އިތުރުން އޮސްޓްރޭލިއާ، ބަންގްލަދޭޝް، އިންޑިއާ އަދި ޗައިނާ ފަދަ ޤައުމުތަކަށް ބައިނަލްއަޤުވާމީ ދަތުރުތައްވެސް ބާއްވަމުންނެވެ.
އެ އެއާލައިންގެ ފްލީޓުގައި މިހާރު 25 ބޯޓު އޮޕަރޭޓް ކުރަމުންދާއިރު، އޭގެ ތެރޭގައި އެއާބަސް އޭ330-200 ގެ ބޯޓަކާއި، އެއާބަސް އޭ320 މަރުކާގެ ބޯޓެއްގެ އިތުރުން އޭޓީއާރުގެ 5 ބޯޓާއި، ޑޭޝް 8 ގެ 7 ބޯޓު އަދި ސީޕްލޭންގެ ގޮތުގައި ބޭނުންކުރާ ޑީއެޗްސީ-6 ޓްވިން އޮޓާގެ 11 ބޯޓު ހިމެނެއެވެ.



