ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ”ކިއުއެސް އޭޝިއާ ޔުނިވާސިޓީ ރޭންކިންސް 2027“ ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ފުރަތަމަ ފަހަރަށް ހިމެނި، ރާއްޖޭގެ މަތީ ތަޢުލީމުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ފަދަ ބޮޑު ކާމިޔާބީއެއް ހާސިލުކޮށްފިއެވެ.
މި ރޭންކިންގްގައިވާ ގޮތުން މުޅި އޭޝިއާ ސަރަޙައްދުގެ 1101 އާއި 1200 އާ ދެމެދުގެ ބޭންޑުގައި އެމްއެންޔޫ ހިމެނިފައިވާއިރު، ރާއްޖޭގެ ޔުނިވާސިޓީތަކުގެ ތެރެއިން އެމްއެންޔޫ ވަނީ އެއްވަނަ މަޤާމު ކަށަވަރުކޮށްފައެވެ.
އަދި ދެކުނު އޭޝިއާގެ ގަދަ 400 ޔުނިވާސިޓީގެ ތެރޭގައިވެސް އެމްއެންޔޫ ވަނީ ޖާގަ ހޯދާފައެވެ.
އެމްއެންޔޫއިން ފާހަގަކުރި ގޮތުގައި، ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ ކިއުއެސް އޭޝިއާ ޔުނިވާސިޓީ ރޭންކިންގައި ހިމެނުމަކީ، ބައިނަލްއަޤުވާމީ މިންގަނޑުތަކާއި އިންޑިކޭޓަރުތަކާ އަޅާބަލާއިރު ޔުނިވާސިޓީގެ ފެންވަރާއި ޕާފޯމަންސް ވަޒަންކުރުމަށް ލިބުނު މުހިންމު ފުރުސަތެކެވެ. މީގެއިތުރުން ޔުނިވާސިޓީގެ އެންމެ ވަރުގަދަ ދާއިރާތައް ދެނެގަތުމަށާއި، ތަޢުލީމީ ފެންވަރު އިތުރަށް ހަރުދަނާކުރުމަށް ހުރި ފުރުސަތުތައް ދެނެގަތުމަށް މިކަމުގެ ސަބަބުން ބޮޑު މަގުފަހިކަމެއް ލިބިގެންދާނެ ކަމަށް އެ ޔުނިވާސިޓީން ބުނެފައިވެއެވެ.
މި ޝަރަފުވެރި ކާމިޔާބީއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް ވަނީ، މި ލަނޑުދަނޑި ހާސިލުކުރުމުގައި އެކި ގޮތްގޮތުން އެހީތެރިވެދެއްވި ޔުނިވާސިޓީގެ އެންމެހައި މުވައްޒަފުންނާއި، ދަރިވަރުން އަދި ހެޔޮ އެދޭ އެންމެހައި ފަރާތްތަކުން ކޮށްދެއްވި މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.
ކިއުއެސް އޭޝިއާ ޔުނިވަރސިޓީ ރޭންކިންގްއިން ޔުނިވަރސިޓީތައް ވަޒަންކުރަނީ ގިނަ މިންގަނޑުތަކަކަށް ބަލައިގެންނެވެ. އޭގެ ތެރޭގައި އެ ޔުނިވާސިޓީއަކުން ދިރާސާތައް (ރިސާޗް) ނެރޭ މިންވަރާއި ފެންވަރު، މުދައްރިސުންނާއި ދަރިވަރުންގެ ނިސްބަތް، ބައިނަލްއަޤުވާމީ ގޮތުން ތަޢުލީމު ފުޅާކޮށްފައިވާ މިންވަރުގެ އިތުރުން ދިރާސާތައް ކުރުމުގައި ބައިނަލްއަޤުވާމީ ފެންވަރުގައި އެއްބާރުލުން ދޭ މިންވަރު ހިމެނެއެވެ.



