ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ގެ ދަށުން ޒުވާނުން ބާރުވެރިކުރުވުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ ”ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2027“ ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ ޒުވާނުން ވަޒީފާގެ މާހައުލަށް އަހުލުވެރިކުރުވައި، އެކި ދާއިރާތަކުން ތަމްރީނާއި އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
މި ޕްރޮގްރާމުގެ ދަށުން ދިރާގުގެ މައިގަނޑު މުހިންމު ދާއިރާތަކުން އާމްދަނީ ހޯދަމުން މަސައްކަތުގެ ތަޖުރިބާއާއި ތަމްރީނު ހޯދުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި އެނަލިޓިކްސް އެންޑް ބިޒްނަސް އިންޓެލިޖެންސް، ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް، ކްލައުޑް އެންޑް އައިޓީ ސަރވިސެސް، ކޯޕަރޭޓް ސަރވިސެސް، ސައިބަރ ސެކިއުރިޓީ، ފައިނޭންޝަލް އެކައުންޓިންގ، ހިއުމަން ރިސޯސަސް، ރެވެނިއު އެޝުއަރަންސް ބިޒްނަސް ކޮންޓްރޯލް، ސޭލްސް އަދި ސްޓޯރސް އެންޑް ޕްރޮކިއުމަންޓުގެ ދާއިރާތައް ހިމެނެއެވެ.
މީގެ އިތުރުން ސޮފްޓް ސްކިލްސް ތަރައްޤީކުރުމާއި، ވަގުތު މެނޭޖުކުރުމާއި، ޕްރޮޖެކްޓް ހިންގާނެ ގޮތް ފަދަ ވަޒީފާގެ މާހައުލަށް މުހިންމު ހުނަރުތައް ދަސްކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި ފުރުސަތު އަމާޒުކޮށްފައިވަނީ އޭލެވެލް ފުރިހަމަކޮށް، ފުލް-ޓައިމް ވަޒީފާއެއް އަދާނުކުރާ، އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ދިވެހި ޒުވާނުންނަށެވެ. މާލޭގެ އިތުރުން އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ލާމު އަތޮޅުގައި ގާއިމުކޮށްފައިވާ ދިރާގުގެ އޮޕަރޭޝަން ސެންޓަރުތަކުގައިވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް 30 ނޮވެންބަރު 2026ގެ ނިޔަލަށް ދިރާގުގެ ވެބްސައިޓް މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ.
ދިރާގުން 2009ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް ހިންގަމުން އަންނަ މި ޕްރޮގްރާމުގައި މިހާތަނަށް 312 ޒުވާނުން ވަނީ ބައިވެރިވެފައެވެ. އަދި މި ޕްރޮގްރާމް ފުރިހަމަކުރި ގިނަ ފަރާތްތަކެއް މިހާރުވެސް ދިރާގުގެ އިތުރުން ރާއްޖޭގެ އެކި ކުންފުނިތަކާއި މުއައްސަސާތަކުގެ ޒިންމާދާރު ވަޒީފާތަކުގައި ދަނީ ޚިދުމަތް ކުރަމުންނެވެ.




