އެމެރިކާގެ ޤަަނޫނު ހަދާ މަޖިލިސް (ކޮންގްރެސް) ގައި މުސްލިމުން ގިބަ އަދަދެއްގެ ގޮނޑި ކާމިޔާބުކޮށް، ތާރީހީ ކާމިޔާބީއެއް ހޯދައިފިއެވެ.
މިދިޔަ އަންގާރަ ދުވަހު ބޭއްވި އެމެރިކާގެ މިޑްޓާމް އިންތިހާބުގެ ނަތީޖާ ދެއްކި ގޮތުގައި، އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހިންގާ ރިޕަބްލިކަން ޕާޓީއަށް ވަނީ ބޮޑުތަނުން ނާކާމިޔާބު ވެފައެވެ. އަދި ކޮންގްރެސްގައި މުސްލިމުންނަށް ކާމިޔާބުވެފައިވެސް މިވަނީ ޓްރަމްޕާއި އޭނާގެ ޓީމުން މުސްލިމުންނާ ދެކޮޅަށް އެންޓި ކެމްޕޭނު ކޮށްފައިވަނިކޮށެވެ.
އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ޕްރޮގްރެސިވް މުސްލިމް ކެންޑިޑޭޓުންނަކީ އެމެރިކާގެ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ސިފަކޮށް، ރިޕަބްލިކަން ކެންޑިޑޭޓުން ހޮވުމަށް ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ބާރުއަޅުއްވައިފަ އެވެ. ނަމަވެސް، މި އެންޓި-ކެމްޕޭނާއެކު ވެސް ޓްރަމްޕްގެ ޕާޓީއަށް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއެވެ.
މި އިންތިހާބުގައި އެންމެ ފާހަގަކޮށްލެވުނު އެއް ކާމިޔާބީއަކީ އެމެރިކާގެ ސެނެޓަށް ފުރަތަމަ ފަހަރަށް މުސްލިމް މެންބަރަކު އިންތިހާބުވުމެވެ. މި ތާރީހީ ކާމިޔާބީ ހޯއްދެވީ މިޝިގަން ސްޓޭޓުން ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓުގައި ވާދަކުރެއްވި ޑޮކްޓަރު އަބްދުލް އަލް-ސައްޔިދެވެ. އޭނާ މި ގޮނޑި ކާމިޔާބުކުރެއްވީ ރިޕަބްލިކަން ޕާޓީގެ މައިކް ރޮޖާސްއާ ވާދަކުރައްވައި ބޮޑު ތަފާތަކުންނެވެ.
ޓްރަމްޕް ވަނީ ޑރ. އަބްދުލް ސެނެޓަށް ހޮވިއްޖެނަމަ ހޯލަށް ވަނުމުގެ ކުރިން އޭނާ ”މެޓަލް ޑިޓެކްޓަރަކުން“ (އެއްވެސް ކަހަލަ ހަތިޔާރެއް ގެންގުޅޭކަން ސާބިތުވާ މެޝިން) ވެއްދުމަށް ވެސް ކުރިން ބުނެ ފާޑުކިޔާފައެވެ. އެއަށް ރައްދު ދެމުން ޑރ. އަބްދުލް ބުނީ، އޭނާ މެޓަލް ޑިޓެކްޓަރަކުން ދާން ތައްޔާރުކަމަށާއި ނަމަވެސް އެއާއެކު ޓްރަމްޕް ވެސް ”ލައި ޑިޓެކްޓަރ“ (ދޮގު ހަދާކަން ސާބިތުވާ މެޝިން) އަކަށް އަރައި އޭނާ ކުރާ ސުވާލުތަކަށް ޖަވާބު ދޭން ޖެހޭނެ ކަމަށެވެ.
ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އަށް ބަލާއިރު، މިނެސޯޓާގެ ފިފްތު ޑިސްޓްރިކްޓުން ވާދަކުރެއްވި ސޯމާލިއާ ދަރިކޮޅުގެ އިލްހާން އުމަރު ވަނީ ތަފާތު ބޮޑުކޮށް ފަސް ވަނަ ފަހަރަށް އިންތިހާބު ކާމިޔާބުކުރައްވައި، މަގާމު ދިފާއުކުރައްވައިފަ އެވެ. މީގެ އިތުރުން ފަލަސްތީނު ދަރިކޮޅުގެ ރާޝިދާ ތަލީބާއި، އިންޑިއާނާގެ އެންޑްރޫ ކާސަން އަދި ކެލިފޯނިއާގެ ލަތީފާ ސައިމަން ވެސް ވަނީ އެ ބޭފުޅުންގެ ގޮނޑިތައް ފަސޭހަކަމާ އެކު ދިފާއުކުރައްވައިފަ އެވެ.
މި ފަހަރުގެ އިންތިހާބުގައި އަލަށް ކޮންގްރެސް އަށް އިންތިހާބުވި ބޭފުޅުންގެ ތެރޭގައި ނިއު ޖާޒީގެ 12 ވަނަ ޑިސްޓްރިކްޓުން ހޮވުނު ޑރ. އެޑަމް ހަމާވީ ހިމެނެ އެވެ. އޭނާއަކީ އެމެރިކާ ސިފައިންގެ ކުރީގެ ޑޮކްޓަރެއްގެ އިތުރުން ގައްޒާގައި ޒަހަމްވި މީހުންނަށް ފަރުވާދިނުމުގައި އުޅުއްވި ޕްލާސްޓިކް ސާޖަނެކެވެ. މިއީ ނިއު ޖާޒީން މުސްލިމް ބޭފުޅަކު ކޮންގްރެސް އަށް ހޮވުނު ފުރަތަމަ ފަހަރެވެ. ހަމައެއާ އެކު ނިއު ޔޯކުން ވާދަކުރެއްވި ދާރިއަލީޒާ އަވީލާ ޝެވަލިއޭ ވެފައިވަނީ ކޮންގްރެސް އަށް ހޮވުނު ފުރަތަމަ ލެޓީނޯ މުސްލިމް އަންހެނާއަށެވެ. ކެލިފޯނިއާގެ 14 ވަނަ ޑިސްޓްރިކްޓުން އައިޝާ ވައްހާބު ވެސް ވަނީ ފުރިހަމަ ދައުރަކަށް މި ފަހަރު ގޮނޑި ކާމިޔާބުކުރައްވައިފަ އެވެ.



