ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ރިޓަޔާ ކުރައްވަން ނިންމަވައިފިއެވެ.
ފަނޑިޔާރު އަލީ ރަޝީދު ރިޓަޔާ ކުރައްވަން ނިންމަވާފައިވާކަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.
ޖޭއެސްސީން ބުނީ އަންނަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޝަރަފުވެރިކަމާ އެކު ފަނޑިޔާރުކަމުގެ މަގާމުން ރިޓަޔާ ކުރެއްވުމަށް އަލީ ރަޝީދު އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި ރަޝީދު އެދިވަޑައިގެންނެވި ގޮތަށް އަންނަ މަހުން ފެށިގެން ޝަރަފުވެރިކަމާއި އެކު ރިޓަޔާކޮށްދެއްވުމަށް އެ ކޮމިޝަންއިން ނިންމާފައިވާކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.
ފަނޑިޔާރު އަލީ ރަޝީދުގެ އެ ނިންމުމާ ގުޅިގެން ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ބޭފުޅަކު ހޯދުމަށް އިޖުރާއަތުތައް ފުރިހަމަކުރުމުގެ މަސައްކަތް ޖޭއެސްސީން މިހާރު ފަށާފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
އަލީ ރަޝީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރީ 2020 ވަނަ އަހަރުއެވެ.
އޭނާ ވަނީ އަޒުހަރު ޔުނިވަރސިޓީއިން ޝަރީއަތާއި ގާނޫނުން ބެޗްލާސް ޑިގްރީ ހާސިލު ކުރައްވާފައިވެއެވެ. އަދި 2006ވަނަ އަހަރު އެމެރިކަން އޯޕަން ޔުނިވާސިޓީގައި މާސްޓަރ އޮފް ޝަރީއާ ހައްދަވާފައިވެއެވެ. އަދި މިސްރުގެ ދާރުލް އިފްތާގައި ޝަރުއީ ކަންކަމުގައި ފަތުވާދިނުމުގެ އެއްއަހަރުދުވަހުގެ ޓްރޭނިން ޕޮރްގްރާމެއް ހައްދަވާފައިވެއެވެ.



