ގިރާވަޅު ފަޅު ހިއްކުމުގެ މަޝްރޫޢުގެ ދަށުން އެމްއޭސީއެލްއިން 115 ހެކްޓަރުގެ ބިން މިހާރު ހިއްކާފައިވާކަމަށް އެ ކުންފުނިން މިއަދު ހާމަކޮށްފިއެވެ.
އެމްއޭސީއެލްއިން މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގަައި ބުނީ، ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމަށްޓަކައި ގިރާވަރުފަޅު ހިއްކުމަށް ކުރިއަށްގެންދާ ބިޔަ މަޝްރޫއުގެ ދަށުން އެތަނުގެ 115 ހެކްޓަރު ބިން (68.8 ޕަސެންޓް) މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
ބިން ހިއްކުމުގެ މި ބޮޑު މަޝްރޫއު ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމުގައި އެންމެ އިސް ދައުރެއް އަދާކުރަމުން ދަނީ ދުނިޔޭގެ ފެންވަރުގެ ބޮޑު ޑްރެޖަރެއް ކަމަށްވާ ”ކްއީން އޮފް ދަ ނެދަލަންޑްސް“ އިންނެވެ.
ކުރީ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ޖުމްލަ 9001 ގޯތި ދޫކުރުމަށް ނިންމައި، އޭރު ކަނޑައެޅީ ހުޅުމާލެއިން 1351 ގޯތި، ގުޅިފަޅުން 2218 ގޯތި އަދި ގިރާވަރުފަޅުން 5432 ގޯތި ދިނުމަށެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު، ގުޅިފަޅުގައި ކުރިން ގާއިމުކުރަން ނިންމާފައި އޮތް ކޮމާޝަލް ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމާ ގުޅިގެން، ގުޅިފަޅާއި ގިރާވަރުފަޅު އަދި ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭނަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.
މި ބަދަލުތަކާ އެކު، ގިރާވަރުފަޅުން ޖުމްލަ 4072 ގޯތި ދޫކުރުމަށް ނިންމައި، އެ ގޯތިތައް ލިބުނު ފަރާތްތަކުގެ މެދުގައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ގުރުއަތުލުން ބާއްވާފައެވެ.
ގިރާވަރުފަޅުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކުގެ އަދަދާއި ބޮޑުމިނަށް ބަލާއިރު:
° 1250 އަކަފޫޓުގެ 2603 ގޯތި
° 1650 އަކަފޫޓުގެ 1214 ގޯތި
° 2050 އަކަފޫޓުގެ 254 ގޯތި
° 2450 އަކަފޫޓުގެ 1 ގޯތި




