ހުރްމުޒް ކަނޑުއޮޅިންނާއި އެ ސަރަހައްދުގެ ނުރަސްމީ ކަނޑުގެ މަގުތަކުން ދަތުރުކުރަމުންދިޔަ ތެޔޮ އުފުލާ 3 އުޅަނދަކަށާއި ޓަގު ބޯޓަކަށް އަމާޒުކޮށް ދިން ހަމަލާތަކެއްގައި، އެ އުޅަނދުތަކުގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައި.އާރު.ޖީ.ސީ) އިން މައުލޫމާތު ދީފައިވާ ގޮތުގައި، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރުމުގެ އުސޫލުތަކާ ހިލާފަށް އަދި ހުއްދައަކާ ނުލައި ދަތުރުކުރަމުންދިޔަ ތެޔޮ އުފުލާ 2 އުޅަނދަކާއި ޓަގު ބޯޓެއްގައި ވަނީ އަލިފާން ރޯވެފައެވެ.
މި ހަމަލާތަކާ ގުޅިގެން އެ ސަރަހައްދުގެ ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. އަސްކަރީ މަސްދަރުތަކުން ހާމަކުރާ ގޮތުގައި، އިސްތިރާޖީ ގޮތުން ނުހަނު މުހިންމު މި ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ސަބަބުން، ބައިނަލްއަޤްވާމީ ވިޔަފާރީގެ މުހިންމު މަގުތަކަށް ވަނީ ނުރައްކާ ކުރިމަތިވެފައެވެ.
އަދި މިފަދަ އަމަލުތަކަކީ މުޅި ސަރަހައްދުގެ ސުލްހަމަސަލަސްކަމާއި ސަލާމަތީ މަސްލަހަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ބަޔާންކޮށް، ކަމާބެހޭ ފަރާތްތަކުން ވަނީ ފުން ކަންބޮޑުވުން ފާޅުކޮށްފައެވެ.



