މުސާރައާ މެދު ހިތްހަމަނުޖެހިގެން އަންނައުނު ކާރުހާނާތަކުގެ މަސައްކަތްތެރިން ކުރަމުންދާ ވަރުގަދަ މުޒާހަރާތަކާ ގުޅިގެން، ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ގިނަ އަދަދެއްގެ ކާރުހާނާތައް އަނެއްކާ ވެސް ބަންދުކޮށްފިއެވެ.
ތަކެތީގެ އަގު އުފުލެމުންދާތީ މިހާރު ލިބޭ މުސާރައިން ދެކޮޅުނުޖެހޭ ކަމަށް ބުނެ، މަސައްކަތްތެރިން ވަނީ މަގުތަކަށް ނިކުމެ އަޑުއުފުލަން ފަށައިފައެވެ.
މިދިޔަ ހަފުތާގެ ތެރޭގައި ފެށި މި މުޒާހަރާތަކުގައި މަސައްކަތްތެރިން ގޮވާލަމުންދަނީ އެ މީހުންގެ މުސާރަ ދެގުނައަށްވުރެ ބޮޑުކޮށްދިނުމަށެވެ. އެގޮތުން މިހާރު މުސާރައިގެ ގޮތުގައި ލިބޭ 12,500 ޓަކަ (ގާތްގަނޑަކަށް 241.55 އެމެރިކާ ޑޮލަރު) ގެ ބަދަލުގައި، އެންމެ ކުޑަމިނުން 35,000 ޓަކައަށް މުސާރަ ބޮޑުކުރުމަށް އެ މީހުން ދަނީ ޝަރުތުކުރަމުންނެވެ. މި ހަމަނުޖެހުންތަކުގައި ބައެއް މަގުތައް ބަންދުކޮށް، ކާރުހާނާތަކަށް ގެއްލުންދީ، ފުލުހުންނާ ކުރިމަތިލުންތައް ހިނގާފައިވާއިރު، މުޒާހަރާތަކާ ގުޅިގެން 679 ކާރުހާނާއެއްގެ މަސައްކަތް މީގެ ކުރިން ވަނީ މެދުކަނޑާލަން ޖެހިފައެވެ.
ހާލަތު ކޮންޓްރޯލް ކުރުމަށްޓަކައި ބަންގްލަދޭޝް ސަރުކާރުން ވަނީ މުސާރަ މުރާޖައާ ކުރުމަށް ހަ މެންބަރުންގެ ކޮމިޓީއެއް އެކުލަވާލައިފައެވެ. އަދި ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު އެ ބޯޑުން ނިންމާފައިވަނީ އަންނަ ޑިސެމްބަރު މަހުން ފެށިގެން އައު މުސާރައިގެ އޮނިގަނޑަށް އަމަލުކުރަން ފެށުމަށެވެ. މި ބަދަލާއެކު އައު އަދަދުތަކުން ހިސާބުކުރެވޭ މުސާރަ މުވައްޒަފުންނަށް ލިބޭނީ ޖަނަވަރީ މަހު ނަމަވެސް، މުސާރައަށް އަންނާނީ ކިހާ ވަރެއްގެ ބަދަލެއް ކަމެއް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ.
އެ ނިންމުމާ ގުޅިގެން ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު އަޝޫލިއާ ސަރަހައްދުގެ މަސައްކަތްތެރިން އަލުން ވަޒީފާއަށް ނިކުތް ނަމަވެސް، މުސާރައަށް އަންނާނެ ބަދަލު ސާފުކޮށް ނޭނގޭތީ އެ މީހުން ވަނީ އަނެއްކާ ވެސް މަސައްކަތް ހުއްޓާލައި މަގުތަކަށް ނިކުމެފައެވެ. މުހިންމު ހައިވޭއެއް ބަންދުކޮށްގެން ކުރިއަށްގެންދިޔަ
މި މުޒާހަރާ ރޫޅާލުމަށް ފުލުހުން ކަރުނަ ގޭހާއި ސައުންޑް ގްރެނޭޑް ބޭނުންކޮށްފައިވާއިރު، އެ ދުވަހު އެކަނި ވެސް 100 އަށްވުރެ ގިނަ ކާރުހާނާގެ މަސައްކަތް ވަނީ ހުއްޓުމަކަށް އައިސްފައެވެ.
ބަންގްލަދޭޝްއަކީ ދުނިޔޭގައި ޗައިނާއަށް ފަހު އެންމެ ގިނައިން އަންނައުނު އެކްސްޕޯޓު ކުރާ ގައުމެވެ. އެ ގައުމުގެ ގާތްގަނޑަކަށް 4 މިލިއަން މީހުން މި ދާއިރާގައި މަސައްކަތްކުރާއިރު، މިއީ އެ ގައުމުގެ އިގްތިސާދުގެ 10 އިންސައްތަ އަދި ބޭރު ފައިސާގެ އާމްދަނީގެ 80 އިންސައްތަ ހިއްސާކުރާ މުހިންމު ސިނާއަތެކެވެ.



