އަސްކަރީ ހަރަކާތްތަކުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ވަޒަންކޮށް، އެފަދަ ގެއްލުންތަކަށް ބަދަލުދެވޭނެ ބައިނަލްއަގުވާމީ ނިޒާމެއް ގާއިމުކުރުމަށް އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން އިއްޔެ ކޮޕް31 މޫސުމީ ބައްދަލުވުމުގައި ގޮވާލައްވައިފިއެވެ.
އީރާނުގެ ރައީސް މިފަދައިން ގޮވާލެއްވީ އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅިގެން، އެ ދެ ޤައުމުގެ ދެމެދު ބަދަލުކުރި ހަމަލާތަކުގެ ސަބަބުން ތިމާވެއްޓަށް ކޮށްފައިވާ އަސަރުތަކަށް ރިއާޔަތްކުރައްވާފައެވެ.
ތުރުކީގައި ކުރިއަށްދިޔަ އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕެޒެޝްކިއަން ވިދާޅުވީ، ހަނގުރާމަވެރި ހާލަތްތަކުގައި ތިމާވެއްޓަށް ދެވޭ ގެއްލުންތަކަކީ މޫސުމީ ބަދަލުތަކާ ގުޅޭ ބައިނަލްއަގުވާމީ އިލްތިޒާމުތަކުގެ ތެރޭގައި ހިމެނެންޖެހޭ ކަމެއް ކަމަށެވެ.
”ސުލްހަވެރި ދުވަސްވަރުގެ މޫސުމީ ވައުދުތަކާއި ހަނގުރާމައިގެ ވަގުތުތަކުގައި އުފުލަންޖެހޭ ޒިންމާތަކާ ދެމެދު ހަގީގީ އަދި މާނަހުރި ގުޅުމެއް ބައިނަލްއަގުވާމީ މުޖުތަމައުން ގާއިމުކުރާނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަން. އަދި އަސްކަރީ ހަމަލާތަކުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ރެކޯޑުކޮށް ވަޒަންކުރުމަށާއި ބަދަލު ނަގައިދެވޭނެ އުސޫލުތަކެއް ކަނޑައެޅުމަށް ގޮވާލަން،“ އީރާނުގެ ރައީސް ޕެޒެޝްކިއަން ވިދާޅުވި އެވެ.
އޭނާ މިހެން ވިދާޅުވީ ދެ ހަފުތާގެ މުއްދަތަށް ކުރިއަށްދާ މި ސަމިޓުގެ ތިންވަނަ ދުވަހު އެވެ. މި ސަމިޓުގައި ދުނިޔޭގެ ލީޑަރުން ދަނީ މޫސުމަށް އަންނަ ބަދަލުތަކާއި އޭގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާ މެދު މަޝްވަރާ ކުރައްވަމުންނެވެ.


