ތިން ބައި–އިލެކްޝަން ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ކެންޑިޑޭޓުން ސޮއި ކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ)ން ހުޅުވާލައިފިއެވެ.
އީސީން ބުނީ ދ. ކުޑަހުވަދޫ ކައުންސިލް ރައީސް، މ. މުލައް އަދި ލ. ގަމު ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގައި މިހާރު ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖޫން 14 ވާ ހުކުރު ދުވަހު ކަމަށެވެ.
އަދި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ ފުރުޞަތު ޖޫން 10 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 14:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
އިލެކްޝަނުން ބުނީ އެ ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުމަށް ހަމަޖެހިފައިވަނީ އިލެކްޝަން ކޮމިޝަނުގެ މައި އިދާރާގަ (ޕީ.އޭ ކޮމްޕްލެކްސް) ގައި ކަމަށެވެ.
ކެންޑިޑޭޓުގެ ބަދަލުގައި ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތަކުން ސޮއިކުރާނަމަ އެކަން ބަޔާންކޮށް، ބަދަލުގައި ދާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމެނޭގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއަކާއެކު ކެންޑިޑޭޓުގެ އައިޑީކާޑުގެ ކޮޕީއެއް ގެންދަން ޖެހޭނެ ކަން އީސީން ފާހަގަކުރެއެވެ.
އަދި ރަޖިސްޓަރީގައި ސޮއިކުރާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންދަން ޖެހެއެވެ.
މީގެ ކުރިން އީސީން އެ ރަޖިސްޓްރީގައި ސޮއި ކުރުމަށް ފުރުސަތު ހުޅުވާލީ ޖޫން 9 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 14:00 ގެ ނިޔަލަށެވެ. ނަމަވެސް ވޯޓުލާ ތާރީހު ބަދަލުވުމާ ގުޅިގެން މިހާރު އެ އިޢުލާނު ވަނީ ބާޠިލު ކޮށްފައެވެ.




