ކުރިއަށް އޮތް 2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ތާއީދުކުރުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމައިފިއެވެ.
އަދާލަތު ޕާޓީން މިއަދު (14 ނޮވެމްބަރު 2026) ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެ ޕާޓީގެ ދުސްތޫރުގެ 46.1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބޭއްވި ޕާޓީގެ މަޝްވަރާ މަޖިލީހުގެ ޖަލްސާއިން 3 ކަމަކަށް އިޤްރާރުވެ ނިންމާފައިވާ ކަމަށެވެ.
އެ ބަޔާނުގައިވާ ގޮތުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ދީނާއި ޤައުމާއި ދިވެހި ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، ޤައުމުގެ ސިޔާދަތާއި މިނިވަންކަން ދިފާޢުކުރުމަށާއި، ޤައުމުގެ އިޤްތިޞާދު ރަނގަޅުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް އަދާލަތު ޕާޓީން ތަޢުރީފުކުރެއެވެ. އަދި ޚާއްޞަކޮށް ޤައުމުގެ އިޖްތިމާޢީ ފޭރާން ރަނގަޅުކުރުމަށާއި، އިސްލާމީ ރިވެތި އުޞޫލުތަކާއި ޝަރީޢަތުގެ މަޤްޞަދުތައް ޙާޞިލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަދާލަތު ޕާޓީން މަރުޙަބާ ކިޔައި ޝުކުރު އަދާކުރާ ކަމަށްވެސް ބަޔާނުގައިވެއެވެ.
މީގެ އިތުރުން، އިސްލާމްދީނަށާއި ދިވެހި ޤައުމަށްޓަކައި ރާއްޖޭގެ މުސްތަޤްބަލު އުޖާލާކުރުމަށްޓަކައި އަދާލަތު ޕާޓީން އަބަދުވެސް މަސައްކަތްކުރަމުންދާނެ ކަމަށާއި، ޤައުމުގެ ސިޔާސީ މަސްރަޙު ހަމަޖެހި، ޤައުމު ތަރައްޤީވުމަށް ބޭނުންވާ ހަރުދަނާ ވެރިކަމެއް ދެމެހެއްޓުމަށްޓަކައި ގުޅިގެން މަސައްކަތްކުރުމަކީ ޤައުމަށް އެންމެ ފައިދާހުރި ގޮތްކަމަށް ދެކޭ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.
އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމި 3 ނިންމުން:
- ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެވަނަ ދައުރަކަށް މި ޤައުމުގެ ވެރިކަމާ ޙަވާލުވެވަޑައިގަތުމަށް، ސަރުކާރުގެ ކޯލިޝަންގައި ބައިވެރިވެ މަސައްކަތްކުރުން.
- 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީއާ ކޯލިޝަން ހެދުމަށާއި، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންތިޚާބު ކުރުމަށް މަސައްކަތްކުރުން.
- އަދާލަތު ޕާޓީގެ މަޤްޞަދުތަކާއި، ޕާޓީގެ މެންބަރުންގެ ޙައްޤުތަކާއި، އަދާލަތު ޕާޓީ ދެމި އޮތުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާމެދު ކޯލިޝަންގައި ބައިވެރިވުމުގެ އެއްބަސްވުމުގައި ހިމެނުމަށްޓަކައި، އަދާލަތު ޕާޓީގެ ދުސްތޫރުގެ 46.3 ވަނަ މާއްދާގައި ބަޔާންކުރާ އެއްބަސްވުން އެކުލަވާލުމަށްފަހު، ޕީއެންސީއާ ގުޅިގެން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު އަދާލަތު ޕާޓީގެ ރައީސަށް ދިނުން.
މި ނިންމުމާއެކު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީއާއެކު ރަސްމީކޮށް ކޯލިޝަން ހެދުމުގެ މަސައްކަތް އަދާލަތު ޕާޓީން ފަށާނެކަން ވަނީ ހާމަވެފައެވެ.



