ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި މި ވޭތުވެދިޔަ ތިން އަހަރަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ހިންގުމަށް ބޮޑެތި ބަދަލުތަކަކާއި، ރައްޔިތުންގެ ދިރިއުޅުމަށް އުފާވެރިކަން ގެނެސްދިން ތިން އަހަރެވެ.
އެގޮތުން އެޗްޑީސީން ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު ހަމައެކަނި ކޮންކްރީޓް އިމާރާތްތަކެއް ބިނާކުރުމުގެ ބަދަލުގައި، އާއިލާތަކުގެ ޖީބަށް ލުއިފަސޭހަކޮށް ދިނުމާއި، ބިން ހިއްކުމާއި، މުޖުތަމައުގެ އެންމެން ޝާމިލުވާފަދަ ހިތްފަސޭހަ އަވަށެއް ބިނާކުރުމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
ދެމެހެއްޓެނިވި އިގުތިސާދެއް ގާއިމުކުރުމާއި ތިމާވެށި ރައްކާތެރިކުރުމާއި އެންމެންގެ ޝާމިލުވުމާއި ބައިވެރިވުން ކަށަވަރުކުރުމާއި ޓެކްނޮލޮޖީ އާއި އީޖާދީ ވިސްނުންތަކުގެ އިތުރުން ގުޑް ގަވަނަންސްގެ އުސޫލުތަކުގެ ތެރެއިން އެޗްޑީސީން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ގިނަ ކާމިޔާބީތަކެއް ފާއިތުވި ތިން އަހަރުގެ ތެރޭގައި ވަނީ ހޯދާފައިވާކަން ވެސް ފާހަގަކުރެވެއެވެ.
އެޗްޑީސީން ވަނީ، ހަމައެކަނި މާލެ ސަރަހައްދުގެ ބަދަލުގައި، އަތޮޅުތެރޭގެ ރަށްރަށުގައި ބޯހިޔާވަހިކަން ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމުގެ ތެރެއިން ގިނަ މަޝްރޫއުތަކެއް ރާވާފައެވެ.
މިގޮތުން ބަލާއިރު، ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 3،960 ހައުސިން ޔުނިޓް އެޅުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާއިރު، މި ޕްރޮގްރާމްގެ ތެރޭގައި ކުޅުދުއްފުށި ސިޓީ، ހދ. ހަނިމާދޫ، ނެއްލައިދޫ، ނޮޅިވަރަންފަރު، ށ. މިލަންދޫ، ރ. ދުވާފަރު، ޅ. ނައިފަރު އަދި އައްޑޫ ސިޓީގެ ގަން، ފޭދޫ، ހިތަދޫ އަދި މަރަދޫ ހިމެނެއެވެ.
މީގެއިތުރުން މަތީ ތައުލީމު ހާސިލުކުރުމަށް މާލެ އަންނަ ދަރިވަރުންނަށް ހާއްސަކޮށްގެން 198 ކޯ-ލިވިން ސްޓޫޑެންޓް އެކޮމޮޑޭޝަން ޖާގަ ހިމެނޭ ”އެކުވެހި“ މިހާރު ވަނީ ބޭނުންކުރަން ފެށުމާ ގާތްވެފައެވެ.
އެޗްޑީސީން ވަނީ ރާއްޖޭގެ 32 ރަށެއްގައި ކުޑަކުދިންގެ ޕާކު އެޅުމަށާއި، 71 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމަށް އެއްބަސްވުންތަކުގައި ސޮއިކޮށް، އޭގެ ތެރެއިން 41 އައުޓްޑޯ ޖިމް މިހާރު ވަނީ ނިންމާލާފަ އެވެ. މީގެ އިތުރުން، ފޮތް ކިޔުމަށް ހާއްސަ ”ރީޑިން ނޫކް“ ތަކާއި ޕާކުތައް ތަރައްގީކޮށް، އިޖުތިމާއީ އަދި ތިމާވެށީގެ ހަރަކާތްތަކުގައި އަމިއްލަ ޖަމިއްޔާތަކާ އެކު ވަނީ މަސައްކަތްކޮށްފައެވެ.
އަދި ރައީސް މުޢިއްޒު ފައްޓަވާފައިވާ ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ގައުމީ ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން، 2028 ގެ ނިޔަލަށް 1 މިލިއަން ގަސް އިންދުމަށް އެޗްޑީސީ އިން ވެފައިވާ ވައުދުގެ ދަށުން، މިހާތަނަށް އެ ކޯޕަރޭޝަނުން ވަނީ 115،377 ގަސް އިންދާފައެވެ.
މީގެ އިތުރުން ކުޑަގިރިއާއި ހުޅުމާލޭގައި މުރަކަ އިންދުމުގެ ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން، ފަރުކޮޅުފުށްޓާއި ލ. ގަމުގައި ގަސް ނާސަރީތައް ވެސް ވަނީ ގާއިމުކޮށްފައެވެ. އަދި، ޔޫއެންޑީޕީއާއި ޖަޕާނު ސަރުކާރާ ގުޅިގެން ”އާބަން ފާމިން“ މަޝްރޫއު ވަނީ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.
ދިރިއުޅުމުގެ ހަރަދުތައް ކުޑަކޮށް، އާންމު ރައްޔިތުންނަށް ބޯހިޔާވަހިކަން އަތްފޯރާ ފަށަށް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން އެޗްޑީސީން ވަނީ ތާރީހީ ލުއިތަކެއް ދީފައެވެ.
މިކަން ވެގެން ގޮސްފައިވަނީ އެތައް ހާސް އާއިލާއެއްގެ ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމަކަށެވެ.
އެގޮތުން، 2025 ވަނަ އަހަރުގެ ޖަނަވަރީ މަހު ތައާރަފުކުރި ޚާއްސަ ލުއިތަކުގެ ދަށުން، ވިނަރެސް ފުލެޓެތަކުގެ ޑައުންޕޭމަންޓުން 50 އިންސައްތައިގެ ޑިސްކައުންޓެއްދީ، މަހު ކުލިން އިތުރު 4،200 ރުފިޔާ އުނިކޮށް، މެނޭޖްމަންޓް ފީ 1،000 ރުފިޔާއަށް ވަނީ ކުޑަކޮށްދީފަ އެވެ.
އެޗްޑީސީން ވަނީ، ވިނަރެސް ފްލެޓްތަކުގެ އިންޓަރެސްޓް ރޭޓް 9 އިންސައްތައިން 6 އިންސައްތައަށް ކުޑަކޮށްދީފައެވެ.




