ބާވާލައްވާފައިވާ ފޮތްތަކާ ރަސޫލުންނަށް އީމާން މވެފައި ތިބި ބަޔަކު ރާއްޖެ އައުން މަނާކުރާއިރު އެކަމާމެދު ފުންކޮށް ވިސްނަން ޖެހޭނެ ކަމަށް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީހުގައި ގާސިމް އެހެން ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު އޮންނަ މީހުން ރާއްޖެއަށް އައުން މަނާކުރަން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ހުށަހެޅުއްވި ބިލަށް ބަހުސް ކުރައްވަމުންނެވެ.
ގާސިމް ވިދާޅުވީ އިޒްރޭލު މީހަކު ރާއްޖެއަށް ނާދެވޭ ގޮތަށް ނިންމާއިރު އޭގެ މާނައަކީ ޔަހޫދީންނަށް ނާދެވޭ ގޮތަށް ނިންމުން ކަމަށެވެ.
އެހެންވީމާ ﷲ ބާވާލައްވާފައިވާ ދީނެއްގައި ރަސޫލުންނަށް އީމާން ވެފައި ތިބި ބަަޔަކަށް ވާހިނދު އަޅުގަނޑުމެންނަށް އެފަދަ ކަމެއް ކުރުމުގެ ފުރުސަތާ މެދު ވަރަށް ފުންކޮށް އަޅުގަނޑުމެން އެ ނަޒަރިއްޔާއިން ވިސްނައިލަން ޖެހޭނެ، އެކަމާ މެދު ވަރަށް ފިކުރުވެރިކަމާ އެކު ވިސްނައިލަން ޖެހޭނެ- ގާސިމް
ދިވެހިރާއްޖެ ނޫނަސް އިސްލާމީ ގައުމުތައް ދުނިޔޭގައި ވަރަށް ބައިވަރު ކަމަށް ވިދާޅުވެ ގާސިމް ވަނީ އެހެން ނަމަވެސް މިފަދަ ފިޔަވަޅެއް އަޅަން ރައްޔިތުންގެ މަޖިލީހަށް، އެތަނެއްގެ ޕާލަމެންޓަށް ހުށަހެޅިގެން ވާހަކަ ދެކެވޭ ފުރަތަމަ މަޖިލީހަކީ ރާއްޖެ ކަމަށް ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ އެ މޭރުމުން ވަަހަކަދައްކަވަނީ ފަލަސްތީނު ރައްޔިތުންނަށް ލިބެމުންދާ އަނިޔާއާ މެދު ނުވިސްނާތީ ނޫން ކަމަށެވެ. ނަމަވެސް އިޒްރޭލަކީ ޔަހޫދީ ބަޔަކަށް ވުމާއެމު އެ ކަމާ މެދު ވިސްނާ ދިރާސާ ކުރަން ޖެހޭތީ ކަމަށެވެ.
އިޒްރޭލު މީހުން ރާއްޖެއަށް އެތެރެވުން މަނާކުރުމަށް މީކާއީލް ހުށަހެޅުއްވި ބިލުގައި އޮތީ އިމިގްރޭޝަން ގާނޫނަށް އަކުރެއް އިތުރުކުރުމަށެވެ. އެއީ އިޒްރޭލުގެ ޕާސްޕޯޓް އޮންނަ މީހުންނާއި އިޒްރޭލު ޕާސްޕޯޓާއި އެކު އެހެން ގައުމެއްގެ ޕާސްޕޯޓް އޮންނަ މީހުންނަށް ވެސް ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް އެ ގާނޫނު ބަދަލުކުރުމެވެ.



