މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތިންވަނަ ރިސާޗް ކޮންފަރެންސް އަންނަ މަހު ފަށާނެ ކަމަށް އެ އޮތޯރިޓީން އިއްޔެ ބުނެފިއެވެ.
މި ކޮންފަރެންސް ކުރިއަށް ދާނީ އަންނަ ޑިސެމްބަރު މަހުގެ 5 އިން 7 އަށެވެ. މިފަހަރުގެ ތީމަކީ ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއި ނުތަނަވަސްކަމުގެ ތެރޭގައި ދެމެހެއްޓެނިވި ތަރައްގީއަށް އިގްތިސާދީ އަދި މާލީ ހަމަޖެހުން ގެނައުމެވެ.
އެމްއެމްއޭގެ ތިންވަނަ ކޮންފަރެންސްގައި ދުނިޔޭގެ މަސްރަހަށް އަންނަމުންދާ ބޮޑެތި ބަދަލުތަކުގެ ތެރޭގައި ރާއްޖެއިން އިގްތިސާދީ އަދި މާލީ ހަމަޖެހުން ދަމަހައްޓާނެ ގޮތުގެ މަޝްވަރާތައް ކުރާނެ އެވެ. އަދި މި ކޮންފަރެންސްގައި ދިރާސާކުރާ ފަރާތްތަކާއި އިލްމީ މާހިރުންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތައް އެއްތަނަކުން ބައްދަލުވެގެން ދާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
މި އަހަރުގެ ރިސާޗް ކޮންފަރެންސްގައި މަނިޓަރީ ސިޔާސަތާއި ބާޒާރުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށް އެޅޭނެ ފިޔަވަޅުތަކަށް ވަނީ އެމްއެމްއޭއިން އަމާޒުކޮށްފަ އެވެ. އަދި މާލީ ހަމަޖެހުމާއި އިސްލާމީ މާލީ ނިޒާމާއި ޑިޖިޓަލް ފައިނޭންސާއި އިގްތިސާދު ސިންދަފާތު ކުރުމާއި ޑިޖިޓަލް ފައިނޭންސިންއާ ބެހޭގޮތުން ވެސް މަޝްވަރާ ކުރާނެ އެވެ. އަދި މޫސުމީ ރިސްކުތަކުގެ ތެރޭގައި ދެމެހެއްޓެނިވި ތަރައްގީ ފަދަ އެތައް މައުލޫއަކަށް ވާހަކަ ވެސް އަމާޒުކުރާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
މީގެއިތުރުން އެ އޮރޯރިޓީން ބުނީ މި ކޮންފަރެންސްގެ މަގުސަދަކީ ދާރިސުންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ފަންނީ މާހިރުން ގުޅިގެން މަސައްކަތް ކުރުމަށް ބާރުއެޅުން ކަމަށާއި ރާއްޖޭގެ އިގްތިސާދާއި މާލީ ދާއިރާއާ ގުޅުންހުރި އެކިއެކި ދިރާސާ ކުރުމަށް ހިތްވަރު ދިނުން ކަމަށެވެ.



