ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެފޯޑަބަލް ހައުސިންގ މަޝްރޫޢުގެ ދަށުން ހުޅުމާލޭ ފޭސް 1 ގައި އެފްޑަބްލިއު ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ތަރައްޤީކުރާ 182 ފްލެޓުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
މި މަޝްރޫޢަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ އޮނިގަނޑުގެ ދަށުން، ބީއެމްއެލްގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެފޯޑަބަލް ހޯމް ލީސިންގ މެދުވެރިކޮށް ހިންގާ މަޝްރޫޢެކެވެ.
އެފްޑަބްލިއު ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތުގެ ތެރެއިން، ފައުންޑޭޝަނަށް ކޮންކްރީޓް އެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ބީއެމްއެލްއިން މަޢުލޫމާތު ދިންގޮތުގައި މި ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ދަނީ ވަރަށް ބާރަށް ކުރިއަށެވެ.
މި މަޝްރޫޢުގެ ދަށުން އިމާރާތްކުރަނީ 900 އަކަފޫޓުގެ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ.
މި މަޝްރޫޢާ ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޕްރޮޖެކްޓް ކޮންސަލްޓެންޓް މުޙައްމަދު ޝަރާޙް ވިދާޅުވީ، މަސައްކަތް ކަނޑައެޅިފައިވާ މުއްދަތަށް ނިންމާލެވޭނެ ކަމަށެވެ.
”ޓައިމްލައިން ކުޑަކޮށް ޑިލޭތަކެއް ހުރި. އެހެން ނަމަވެސް މިހާރު މަސައްކަތް ކުރިއަށްދާ ސްޕީޑަށް ބަލާއިރު އަޅުގަނޑުމެނަށް ޖުލައި މަހު، އެއީ 2028 ވަނަ އަހަރުގެ މެދުތެރެއަށް ނިންމާލެވޭނެ މަޝްރޫޢުގެ މަސައްކަތްތައް. އަޅުގަނޑުމެން ކޮންޓްރެކްޓަރާއެކު މިހާރު މަސައްކަތް ކުރަމުންދަނީ ރިވައިޒް ޓައިމްލައިން އެކުލަވާލަން،“ޝަރާޙް ވިދާޅުވިއެވެ.
ކުލި ދައްކައި ޚަލާސްކުރުމުން މިލްކުވާ ގޮތަށް، ނިސްބަތުން ކުޑަ އަގެއްގައި ދޫކުރުމަށް ހަމަޖެހިފައިވާ މި ފްލެޓްތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ. ސަރުކާރުން ފާހަގަކުރައްވާ ގޮތުގައި މި މަޝްރޫޢު ވެގެންދާނީ އެއް ސަރުކާރެއްގެ 5 އަހަރުގެ ދައުރުގެ ތެރޭގައި މަސައްކަތް ފަށައި، އެއްކޮށް ނިންމުމަށްފަހު ރައްޔިތުންނާ ހަވާލުކުރެވޭ ފުރަތަމަ ހައުސިންގ މަޝްރޫޢަށެވެ. އަދި މިއީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް އެކަށީގެންވާ ބޮޑު ލުޔެއް ގެނެސްދޭނެ ކަމެއް ކަމަށްވެސް ސަރުކާރުން ބަޔާންކުރެއެވެ.
ބީއެމްއެލްގެ އެފޯޑަބަލް ހައުސިންގ މަޝްރޫޢުގެ ދަށުން ހުޅުމާލޭގެ އިތުރުން ވިލިމާލޭގައިވެސް ހައުސިންގ ޔުނިޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދެއެވެ.
އެގޮތުން މި މަޝްރޫޢުގެ ތެރެއިން މާލެ ސަރަޙައްދުގައި ޖުމްލަ 3260 ހައުސިންގ ޔުނިޓް ބިނާކުރުމުގެ ޢަމަލީ މަސައްކަތް މިހާރު ދަނީ ހިނގަމުންނެވެ.




