ފާއިތުވި ތިން އަހަރު ތެރޭގައި 1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން، މި ވެރިކަމަށް ވީ ތިން އަހަރު ތެރޭގައި، 1،327 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ. ހަމައެއާއެކު، 16،852 ބަނގުރާ ފުޅި އަތުލައިގެންފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ.
މިނިސްޓްރީން ބުނި ގޮތުގައި މި މުއްދަތުގެ ތެރޭގައި މަސްތުވާތަކެއްޗާ ގުޅުންހުރި 508 އޮޕަރޭޝަންތައް ހިންގައިފައިވެއެވެ. އަދި މަސްތުވާތަކެއްޗާ ގުޅުންހުރި މާލީ ކުށްތަކާއި މަނީ ލޯންޑަރިންގެ 23 ތަހުގީގެއް ހިންގައިފައިވާއިރު، މަސްތުވާތަކެއްޗާ ގުޅުންހުރުމުގެ ސަބަބުން 11 ތަނެއް ބަންދުކޮށްފައިވާ ކަމަށް މިނިސްޓްރީން ހާމަކުރިއެވެ.
ރާއްޖެއަށް ދިމާވެފައިވާ އިޖުތިމާއީ އެންމެ ބޮޑު މައްސަލަތަކުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަ ހިމެނެއެވެ.




