އިމިގްރޭޝަން ބިލާ، މަރުގެ އަދަބު އަދި އަބުރު ރައްކާތެރިކުރުމުގެ ޤާނޫނުގެ މަސައްކަތުގެ ސުންގަޑި ކަނޑައަޅައިފިއެވެ.
މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ، ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤުގެ ބިލު އަދި މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމުގެ ބިލުގެ ސުންގަޑިއަކީ 20 ޑިސެންބަރު ކަމުގައި ކަނޑައަޅާފައެވެ. އަދި އެ ބިލުތަކަށް ޢާންމުންގެ ޚިޔާލާއި ކަމާގުޅޭ އިދާރާތަކުގެ ޚިޔާލު ހޯދުމުގެ ސުންގަޑިއަކީ، 30 ނޮވެންބަރު ކަމަށް ކޮމިޓީން ވަނީ ނިންމަވާފައެވެ.
ފޭދޫ އުތުރު ދާއިރާގެ މެމްބަރު އިސްމާޢީލް ނިޒާރު ހުށަހަޅުއްވައި، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އަޝްރަފް ރަޝީދު ތާޢީދު ކުރެއްވި ގޮތަށް އެ ނިންމުން ފާސްކުރެއްވީ، ކޮމިޓީގެ މެމްބަރުންގެ އަޢުލަބިއްޔަތުންނެވެ.
މިއަދު ބޭއްވި ޤައުމީ ތަރައްޤީއާއި ތަރިކައާބެހޭ ކޮމިޓީގައި ވިލިގިލީ ދާއިރާގެ މެމްބަރު ޢާޒިމް ޢަބްދުލްޢަޒީޒު ހުށަހެޅުއްވީ، ރިއަލް އެސްޓޭޓް ބިލުގެ މަސައްކަތް 7 ޑިސެމްބަރުގެ ނިޔަލަށް ނިންމުމަށެވެ. އެ ހުށަހެޅުއްވުމަށް ތާޢީދު ކުރެއްވީ، ހުޅުމާލެ މެދު ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަދީމެވެ. އެގޮތަށް ފާސްކުރެއްވީ، ކޮމިޓީ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
ތޮއްޑޫ ދާއިރާގެ މެމްބަރު ޙުސައިން ސަމީރު ވަނީ، ބިލުގެ މަސައްކަތް 19 ޑިސެމްބަރުގައި ނިންމުމަށް ހުށަހަޅުއްވާފައެވެ. ނަމަވެސް އެ ހުށަހެޅުމަށް އިތުރު މެމްބަރަކު ތާޢީދު ކުރައްވާފައިނުވާތީ، އެ ހުށަހެޅުމަށް ވޯޓަށް އަހާފައެއް ނުވެއެވެ.
އެ ކޮމިޓީގައި ހޯރަފުށީ ދާއިރާގެ މެމްބަރު ޢަލީ މޫސާ ވަނީ، ބިލާ ގުޅޭގޮތުން އާއްމުންގެ ކޮމެންޓާއި، ބިލާ ގުޅުންހުރި މުޢައްސަސާތަކުގެ ކޮމެންޓު ލިޔުމުން ކޮމެންޓު ހޯދުމަށާއި، އެ މަރުހަލާ 02 ޑިސެމްބަރަށް ނިންމުމަށް ހުށަހަޅުއްވާފައެވެ. އެ ހުށަހެޅުމަށް ވިލިގިލީ ދާއިރާގެ މެމްބަރު ޢާޒިމް ޢަބްދުލްޢަޒީޒު ވަނީ، ތާޢީދު ކުރައްވާފައެވެ. އެ ހުށަހެޅުން ފާސްވީ، ކޮމިޓީ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.




