ޖެނޮސައިޑް ކޮންވެންޝަން ތަންފީޒުކުރުމާ ގުޅޭގޮތުން، ދަ ގެމްބިއާއިން މިޔަންމާއާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މިއަދު ކުރި ހުކުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އައިސީޖޭގެ ހުކުމަކީ ޖެނޮސައިޑްގެ ކުށް ހުއްޓުވުމާއި އެ ކުށަށް އަދަބު ދިނުމާ ބެހޭ މުއާހަދާ (ޖެނޮސައިޑް ކޮންވެންޝަން) ނެގެހެއްޓުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރަމުން އަންނަ މަސައްކަތްތަކަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ.
އަދި ބައިނަލްއަޤްވާމީ ޤާނޫނީ ވާޖިބުތައް އަދާކުރުމާއި ސުލްޙަވެރި އަދި ޝަރުޢީ ވަސީލަތްތަކުގެ ތެރެއިން ޖަވާބުދާރީވުން ކުރިއެރުވުމުގައި ބައިނަލްއަޤްވާމީ ކޯޓުގެ މުހިންމު ދައުރު ފާހަގަކޮށްލެވޭކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި މައްސަލައިގެ ޝަރީއަތަށް ތަދައްހުލުވި ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭކަން ފާހަގަކުރައްވައި، ޖެނޮސައިޑް ހުއްޓުވުމަށާއި އެކަމާ ދެކޮޅަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތައް ކުރިއެރުވުމަށް ރާއްޖެއިން އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ މިފަދަ ލާއިންސާނީ ބޮޑެތި ޖަރީމާތައް ހުއްޓުވުމަށް ބައިނަލްއަގްވާމީ ގާނޫނަށް އިހްތިރާމްކުރުމުގެ އިތުރުން، އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށާއި ޒިންމާދާރުކުރުވުމަށް މުޅި ބައިނަލްއަގްވާމީ މުޖުތަމައުގެ އެއްބާރުލުން ނުހަނު ބޭނުންވާ ކަމަށެވެ.




