ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅު ޖަހަން ސޯޝަލް މީޑިއާ މެދުވެރިކޮށް ގޮވައިލި މައްސަލައިގައި ހައްޔަރުކުރި އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓު ޢަލީ ޖުމާން (ޑެތު)ގެ ފޯނު ބޭރަށް ފޮނުވައިގެން އިތުރަށް ތަހުލީލުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް، ފުލުހުން މިއަދު ބުނެފިއެވެ.
މިދިޔަ އޮކްޓަޮބަރު މަހުގެ 22 ވަނަ ދުވަހު ހައްޔަރުކުރި ޖުމާންގެ ބަންދަށް އިތުރު 15 ދުވަސް އިތުރުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ މިއަދެވެ.
މި މައްސަލަ ބައްލަވާ ގާޒީ މުޙައްމަދު ޢަބްދުﷲ ސޮއިކުރައްވައި ނެރުއްވި ކޯޓު އަމުރުގައިވަނީ، ޖުމާން ’އެކްސް’ގައި ގެންގުޅުނު އައިޑީގެ މައުލޫމާތު ހޯދުމުގެ މަސައްކަތް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހާ ފުލުހުން ކުރިއަށް ގެންދާ ކަމަށެވެ.
އޭގެ އިތުރުން ޖުމާންގެ އައިޑީގައި ހިމެނޭ އިތުރު ޕޯސްޓުތަކުން އޭނާއާއި އޭނާގެ އައިޑީއާ ގުޅުމެއް އޮތް ކަމަށް ތުހުމަތުކުރެވޭ މިންވަރަށް ފުލުހުންގެ ފަރާތުން ހެކި ހުށަހަޅައިފައިވާ ކަމަށް ވެސް އެ އަމުރުގައިވެއެވެ. އަދި އޭނާގެ ފޯނު ރާއްޖޭން ބޭރަށް ފޮނުވައިގެން ތަހުލީލުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް، ޖުމާންގެ މައްސަލަ ބައްލަވާ ފުލުހުންގެ އޮފިސަރު ކޯޓުގައި ވިދާޅުވިކަމަށް ކޯޓު އަމުރުގައިވެއެވެ.
ހަމައެއާއެކު ޖުމާންގެ ފޯނުގެ ޕާސްވޯޑު ދީފައި ނުވާ ކަމަށާއި، ފޯނުގެ ލޮކް ކޯޑު ކްރެކް ކުރެވިފައި ނުވާކަމަށް ކޯޓު އަމުރުގައި ފުލުހުންނާ ހަވާލާދީ ވަނީ ބުނެފައެވެ.



