އެއްވެސް ބިންހެލުމަކާ ގުޅިގެން ރާއްޖެއަށް ސުނާމީ އަރާނެ ކަމުގެ އެއްވެސް އިންޒާރެއް ދީފައި ނުވާނެ ކަމަށާއި، އެފަދަ އިންޒާރެއް ދިން ކަމަށް ބުނެ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ނަމުގައި ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން ދަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު މައުލޫމާތު ހިމެނޭ ’ފޭކް‘ ލިޔުމެއް ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.
މިކަމާ ބެހޭގޮތުން ނެރުނު މިރޭ ނޫސްބަޔާނެއްގައި އެންޑީއެމްއޭ އިން ބުނީ، އެ އޮތޯރިޓީގެ ނަމުގައި މިހާރު ދައުރުވަމުން އަންނަ މެސެޖަކީ ސައްހަ މެސެޖެއް ނޫން ކަމަށެވެ. އަދި އޮތޯރިޓީގެ ފަރާތުން އާންމުންނަށް މައުލޫމާތާއި އިރުޝާދު ދެމުންގެންދާނީ އަބަދުވެސް ރަސްމީ މަންސަތަކުން ކަމަށް ވާތީ، މައުލޫމާތުގެ ސައްހަކަން ހުރިހާ ފަރާތްތަކުން ވެސް ކަށަވަރުކުރުމަށް އެންޑީއެމްއޭ އިން ވަނީ އެދިފައެވެ.
މީގެއިތުރުން ކާރިސާތައް ފަދަ ނާޒުކު އަދި ހައްސާސީ މައުލޫއުތަކާ ގުޅޭ ކަންކަމުގައި ހުރިހާ ފަރާތްތަކުން ވެސް ޒިންމާދާރުކަމާއެކު އަމަލުކުރުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.
”މި އޮތޯރިޓީގެ ނަމުގައި ދައުރުވަމުން އަންނަ އެ މެސެޖަކީ ހަގީގީ މެސެޖެއް ނޫންކަމުގައި ދަންނަވަން. މި އޮތޯރިޓީއިން ޢާއްމުންނާ ޙިއްސާކުރާ މަޢުލޫމާތާއި އިރުޝާދު ދެމުންގެންދާނީ މި އޮތޯރިޓީގެ ރަސްމީ މަންސަތަކުން. މިކަން ހުރިހާ ފަރާތްތަކުންވެސް ކަށަވަރުކުރުމަށް އެދެން،“ އެންޑީއެމް އިން ބުނެފައިވެއެވެ.
އެންޑީއެމްއޭގެ ނަމުގައި ދައުރުވަމުންދާ ފޭކް ލިޔުމަކީ ”އިވެކުއޭޝަން އޯޑާ“ އެއްގެ ގޮތުގައި ތައްޔާރުކޮށްފައިވާ ލިޔުމެކެވެ.
އެ ލިޔުމުގައި ބުނެފައިވަނީ، އިންޑޮނޭޝިއާގެ ސުމަތުރާއަށް އައި ބާރުގަދަ ބިންހެލުމެއްގެ ސަބަބުން ސުނާމީއެއް އުފެދިގެން މިސްރާބު ޖަހާފައިވާ ކަމަށާއި، ކުރިއަށް އޮތް ވަގުތުތަކުގެ ތެރޭގައި ރައްކާތެރި ތަންތަނަށް މީހުން ބަދަލުވުމަށެވެ.
ނަމަވެސް އެއީ ކަނޑައެޅިގެން ބަޔަކު އޮޅުވާލައިގެން ފަތުރަމުންދާ ދޮގު ވާހަކަތަކެއް ކަމަށް އެންޑީއެމްއޭ އިން ވަނީ ސާފުކޮށްދީފައެވެ.




