ދިވެހިބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، މ. ސިލްވަރކްލައުޑް / ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރުވައިފިއެވެ.
އެމަނިކުފާނަށް މި ޢިއްޒަތް އަރުވާފައިވަނީ، ޒުވާނުންގެ މަރުކަޒުގައި މިރޭ ބޭއްވި، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ފާހަގަކޮށްލެވޭ ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވި ޢައްބާސް އިބްރާހީމަކީ، ދިވެހިބަހުގެ ގަވާއިދުގެ ތެރެއަށް ވެދެވަޑައިގެން ހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ. ވާހަކަ ދެއްކުމުގެ ފަންނުގައި ލާމަސީލު ނަމޫނާއެއްގެ އިތުރުން އެމަނިކުފާނަކީ އަދަބީ އެކި ރޮނގުރޮނގުން ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ބަހުގެ އުސްތާޛެކެވެ.
ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއަށް އެމަނިކުފާނަށް ވެދެވަޑައިގެންނެވުމުގެ އެންމެބޮޑު ސަބަބަކަށް ވެގެންދިޔައީ، ނޫސްވެރިކަމަށް ޢައްބާސްގެ ހިތްޕުޅުގައި އުފެދިފައިވާ ލޯތްބެވެ. ޚަބަރުގެ ދާއިރާއަށް 1959 ވަނަ އަހަރު ޢައްބާސް އިބްރާހީމް ވެދެވަޑައިގެންނެވުމާއެކު ޚަބަރު ލިޔުއްވަން ފެށްޓެވިއެވެ. ބޭރުގެ ޚަބަރު، ރޭޑިއޯއިން އަޑުއައްސަވައިގެން ދިވެހިބަހަށް ތަރުޖަމާ ކުރައްވައިގެންނެވެ.
ބޭރު ބަސްބަހުން ހުންނަ ކުދިކުދި ވާހަކަ އެ ދުވަސްވަރު ދިވެހިބަހަށް ތަރުޖަމާ ކުރެއްވުމުގެ މަސައްކަތްވެސް ޢައްބާސް އިބްރާހީމް ކުރެއްވިއެވެ. ތަރުޖަމާ ކުރެއްވުމުގެ މަސައްކަތުގައިވެސް ބޭރު ބަސްތައް ނުހިމަނައި، ރީތި ދިވެހިބަހުން އެ ވާހަކަތައް ގެނެސްދެއްވުމަށް ޚާއްސަ އިސްކަމެއް ދެއްވިއެވެ.
ދިވެހިބަހަށް އެންމެގިނަ ޚިދުމަތެއް ކުރެއްވުމުގެ ފުރުސަތު ޢައްބާސް އިބްރާހީމަށް ލިބިވަޑައިގަތީ، 22 ޑިސެމްބަރު 1996ގައި، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަޖިލީހުގެ ރައީސްކަމުގެ މަގާމު ސަރުކާރުން ދެއްވި ހިސާބުން ފެށިގެންނެވެ.
އޭގެފަހުން، އެ މަޖިލީހުގެ ނަން ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ނަމަށް ބަދަލުކުރެއްވިއެވެ. އެ މަގާމުގައި ޚިދުމަތް ކުރެއްވި 12 އަހަރެއްހައި ދުވަހު، ދިވެހިބަހަށް ޚިދުމަތް ކުރުމުގެ ރޮނގުން ވަރަށްގިނަ މަސައްކަތްޕުޅުތަކެއް ޢައްބާސް ކުރެއްވިއެވެ.
އޭގެތެރެއިން ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއްކަމަކީ، 2000ވަނަ އަހަރު ދިވެހިބަސް ފޮތް ޑިޖިޓަލް ކުރައްވައި، ކޮމްޕިއުޓަރުން ބޭނުންކުރެވޭގޮތަށް ބަދަލު ކުރެއްވުމެވެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން، ޢައްބާސް އިބްރާހީމް ކުރެއްވި މަސައްކަތްޕުޅުތަކަކީ، ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކެކެވެ.
އެމަނިކުފާނު ދިވެހިބަހާއި އަދަބިއްޔާތަށް ކުރެއްވި ޚިދުމަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އަނެއް ޚިދުމަތަކީ، ރައީސް އޮފީހުން ނެރުއްވި ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާ އެކީގައި ބައްލަވައި، ދިވެހިބަހުން ރަނގަޅަށް ދޭހަވާގޮތަށް ބަސްތައް ފުރިހަމަކުރެއްވުމަށްޓަކައި ކުރެއްވި މަސައްކަތްޕުޅެވެ.
ދިވެހިބަހުގެ އެކެޑަމީގައި އޮންނަ ”ބަސްކޮމިޓީ“ގެ މެންބަރެއްގެ ގޮތުގައި އެމަނިކުފާނު މަސައްކަތްޕުޅު ކުރެއްވިއެވެ. އެ އެކެޑަމީގެ ދިވެހިބަހުގެ ގަވާއިދު ކޮމިޓީގެ ރައީސްކަމުގެ މަގާމުގައި މިހާރުވެސް ހުންނެވީ އެމަނިކުފާނެވެ. މީގެއިތުރުން ވާހަކަ ލިޔުއްވުމާއި، އެކިއެކި މައުޟޫޢުތަކަށް މަޒުމޫނު ލިޔުއްވުމާއި އަދި ބޭރު ބަސްބަހުން ހުންނަ ބައެއް ވާހަކަ ދިވެހިބަހަށް ތަރުޖަމާ ކުރައްވައިގެން ވާހަކަފޮތް ލިޔެ ޝާއިޢު ކުރުމާއި އެކިއެކި މުނާސަބަތާ ގުޅިގެން ތަފާތު މައުޟޫޢުތަކަށް މަޒުމޫނު ލިޔުއްވައި، ނޫސްތަކުގައި ޝާއިޢު ކުރެއްވުމާއި ދިވެހި އަދަބިއްޔާތުގެ މުހިންމު ބައެއް ކަމަށްވާ ޅެންވެރިކަމުގެ ރޮނގުގައިވެސް ޢައްބާސް އިބްރާހީމްގެ މަސައްކަތްޕުޅު ފާހަގަކޮށްލެވެއެވެ.




