އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ގާނޫނަށް އިސްލާހު ގެންނަން އިދިކޮޅު އެމްޑީޕީން ހުށަހަޅާފައިވާ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.
މިއަދުގެ ޖަލްސާގައި އެ ބިލު ބަލައިގެންފައިވަނީ 88 މެންބަރުންގެ އިއްތިފާގުންނެވެ. އެއާއެކު އެ ބިލު ދިރާސާ ކުރުމަށް 241 ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
ބިލު ދިރާސާ ކުރަން 241 ކޮމިޓީއަށް ފޮނުވުމަށް ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ. އޭނާ ހުށަހެޅުއްވުމަށް ތާއިދު ކުރެއްވީ މަޖިލީހުގެ ނައިބް ރައީސް އަހްމަދު ނާޒިމެވެ.
މި ބިލް މަޖިލީހަށް ހުށަހަޅާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.
އެ ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ އިސްރާއީލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގަމުންދާ ގަތުލުއާންމާއި ދެކޮޅަށް ރާއްޖެއިން ފިޔަވަޅުތަކެެއް އެޅުމުގެ ގޮތުން، ރާއްޖެއަށް އިސްރާއީލުގެ ރައްޔިތުން އެތެރެވުން މަނާކުރުމަށެވެ.
އެގޮތުން އިމިގްރޭޝަން ގާނޫނަށް އަކުރެއް އިތުރުކޮށް، އިޒްރޭލުގެ ޕާސްޕޯޓް އޮންނަ މީހުންނާއި އިޒްރޭލު ޕާސްޕޯޓާއި އެކު އެހެން ގައުމެއްގެ ޕާސްޕޯޓް އޮންނަ މީހުންނަށް ވެސް ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް އެ ގާނޫނު އިސްލާހު ކުރުމަށް ބިލުގައި ހުށަހަޅާފައިވެއެވެ.


