އަވަށްޓެރި ބަންގްލަދޭޝްއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހު ފުރަމާނަ ދަތުރުފުޅެއް ކުރައްވާނެ ކަމަށް އެ ޤައުމުގެ ބައެއް ނޫސްތަކުން ބުނެފިއެވެ.
ރައީސްގެ މި ދަތުރުފުޅަކީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤް ރަޙްމާންގެ ދައުވަތަކަށް ކުރަށްވާ ދަތުރުފުޅެއް ކަމުގައި ”ޑެއިލީ ޓައިމްސް އޮފް ބަންގްލަދޭޝް“ ގައި ރިޕޯޓުކޮށްފައިވެއެވެ.
އެ ނޫހުން އިތުރަށް ބުނެފައިވަނީ، މިއީ ތިން ދުވަހުގެ މުއްދަތަކަށް ރައީސް މުޢިއްޒު ކުރަށްވާ ދަތުރުފުޅެއް ކަމަށާއި އެމަނިކުފާނު އެ ޤައުމަށް ވަޑައިގަންނަވާނީ ޑިސެމްބަރު 13 ގައި ކަމަށެވެ.
މީގެ އިތުރުން މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވެސް ދެ ދުވަހުގެ ދަތުރުފުޅެއްގައި އަންނަ މަހުގެ ހަތެއްގައި ވެރިރަށް ޑާކާއަށް ވަޑައިގަތުމަށް ތާވަލުކޮށްފައިވާ ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.
ބަންގްލަދޭޝްގެ ޚާރިޖީ ވުޒާރާގެ އިސް އޮފިޝަލަކާ ހަވާލާދީ އެ ނޫހުގައި ވަނީ، ރާއްޖެއާއި ބަންގްލަދޭޝާ ދެމެދު އޮތް ސިޔާސީ ގުޅުމާއި ވެރިންގެ މެދުގައި އޮތް ގުޅުން ވަރަށް ބަދަހިކަމަށާއި މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވާނެ ކަމަށެވެ.



