މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފަރާތުން ބާއްވަމުން ގެންދާ ”އެމްއެމްއޭ ފިންލިޓް ފެސްޓް“ ގެ ދަށުން، އިއްޔެ ހއ. ދިއްދޫގައި ބޭއްވި ކުޑަކުދިންގެ ހަވީރަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
ދިއްދޫގައި ބޭއްވި ހަރަކާތުގައި 700 އަށްވުރެ ގިނަ ކުދިން ބައިވެރިވިއިރު، ކުދިންނަށް ތަފާތު ކުޅިވަރުގެ ހަރަކާތްތަކާއި އިނާމުތައް ވެސް ވަނީ ދީފައެވެ.
މީގެ އިތުރުން ކުޑައިރުއްސުރެ ފައިސާ ގެންގުޅުމާއި، ފަހަށް ރައްކާކުރުން ފަދަ މުހިންމު ކަންތައްތައް ކުދިންގެ ގައިގައި އަށަގެންނެވުމުގެ ގޮތުން މާލީގޮތުން ހޭލުންތެރި ކުރުމުގެ ހަރަކާތްތައްވެސް އެ ހަވީރުގައި ކުރިއަށް ގެންދިޔައެވެ. އަދި ރާއްޖޭގެ ފައިސާގެ ތާރީޚު ދައްކައިދޭ ސްޓޯލަކާއެކު ރަސްކަމުގެ ޒަމާނުއްސުރެ ރާއްޖޭގައި ބޭނުންކޮށްފައިވާ އެކިއެކި ފައިސާ ފޮއްޗާއި، ފައިސާ ނޫޓުތަކުގެ މައުލޫމާތު ބައިވެރިންނަށް ދީފައިވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
ހަރަކާތުގައި ބައިވެރިވި ކުދިންނަށް ގިފްޓު ކާޑު ހިމެނޭހެން ތަފާތު އިނާމުތައް ދީފައިވާއިރު، ގްރޭންޑު ޕްރައިޒެއްގެ ގޮތުގައި އައިޕެޑެއް ވެސް ދިނެވެ.
އެމްއެމްއޭގެ ފަރާތުން ބޭއްވި ކުޑަކުދިންގެ ހަވީރުގައި އެ އޮތޯރިޓީއާއެކު ބޭންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް އިސްލާމިކް ބޭންކުންވެސް ބައިވެރިވިއެވެ. އަދި މިކަމުގައި ދިއްދޫގެ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެވެސް ބޮޑު އެއްބާރުލުމެއް ލިބިފައިވާކަމަށް އެމްއެމްއޭއިން ފާހަގަކުރިއެވެ.
ފިންލިޓް ކިޑްސް ކްލަބްހައުސް ކުޑަކުދިންގެ ހަވީރު ދެން ބާއްވާނީ، މިއަދު ހަވީރު ހއ. ވަށަފަރުގައެވެ. މީގެ އިތުރުން ފިންލިޓް ފެސްޓުގެ ދަށުން ހއގެ 6 ރަށެއްގައި މާލީ ހޭލުންތެރިކަމާބެހޭ ސެޝަންތައް ކުރިއަށްދާނެއެވެ.




