މިއަހަރު ތެރޭ ދަރަނީގެ ބޮޑު ބައެއް ދެއްކުމާއެކު މިއަންނަ އަހަރު ތެރޭގައި ސަރުކާރުގެ މަސައްކަތްތަކުގެ ނަތީޖާ ރައްޔިތުންނަށް ފެނިގެންދާނެ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޒަރީރު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރު ވަނީ މިއަހަރުގެ ބަޖެޓުގެ އަމާޒުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫޢުތައް ނިންމުމުގެ މަސައްކަތަށް އަލިއަޅުވާލައްވާފައެވެ.
ޒަރީރު ވިދާޅުވީ، ސަރުކާރުގެ ފަރާތުން ވަރަށް ބޮޑެތި މަޝްރޫޢުތަކުން ފެށިގެން ވަރަށް ބޮޑެތި މަސައްކަތް ކުރެވޭ ކަމަށެވެ. އޭގެ ތެރެއިން ޕޯޓު މަޝްރޫޢުގެ މިސާލު ދައްކަވަމުން މިނިސްޓަރު ވަނީ، މިކަމުގެ ސަބަބުން ރައްޔިތުންނަށް ހެޔޮ އަގުގައި މުދާ ލިބުމަށް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވެފައެވެ.
މިމަޝްރޫޢުގެ އިތުރުންވެސް ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާކަން ފާހަގަކުރައްވަމުން ޒަރީރު ވިދާޅުވީ 3000 އަށް ވުރެ ގިނަ މަޝްރޫޢު މިހާރުވެސް އެކި ސަރަހައްދުތަކުގައި ހިންގަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ބިޔަ މަޝްރުޢޫތަކުން ފެށިގެން ވަރަށް ކުދި މަޝްރޫޢުތަކާއި އަދި ކުޑަ ޚަރަދެއްކުރިނަމަވެސް ބޮޑު އަސަރެއްކުރާނެ ފަދަ މަޝްރޫޢުތައް ހިމެނޭ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ސަރުކާރުން ބަޖެޓު އަމާޒުގައި ފާހަގަކޮށްފައިވާ ގޮތަށް މިއަހަރު އެންމެ ބޮޑަށް އިސްކަންދޭނީ ސަރުކާރުން ކުރިއަށްގެންދާ މަޝްރުޢޫތަކުގެ ތެރެއިން %70 މަޝްރޫޢު ނިންމުމަށް ކަމަށް ޒަރީރު ވިދާޅުވިއެވެ. އަދި މިކަން ކަށަވަރު ކުރެވޭނެ ނިޒާމުތައް ފިނޭންސް މިނިސްޓްރީ ހިމެނޭހެން އެކި މިނިސްޓްރީތަކުގައި ޤާއިމްވެފައިވާކަން ވެސް ފާހަގަ ކުރެއްވިއެވެ.
”އަޅުގަޑަނޑުމެން މިކަމަށް ވަރަށް ބޮޑަށް ފޯކަސް ކުރިން. ހުރިހާ މިނިސްޓްރީއެއްގައިވެސް އެބަހުރި. ހަމައެއާއެކު މާލީ ވުޒާރާގައި އަޅުގަނޑުމެންގެވެސް އެބަހުރި ވަކި ސިސްޓަމެއްގެ ތެރެއިން ހިންގާ ނުހިންގާ ގޮތް ބެލުމަށް ޕްރޮޖެކްޓް މެނޭޖްމެންޓް ސިސްޓަމެއް މިވަނީ ޤާއިމްކުރަނީ. އެ ނިޒާމުގެ ތެރެއިން އަޅުގަނޑުމެންނަށް އެބައެނގޭ ޕްރޮޖެކްޓްތައް ކުރިއަށްދާނެގޮތް އަދި މި ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށް އަޅުގަނޑުމެން ކުރިއަށް ގެންދަން ޖެހިފައި އެބަހުރި“ ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.




