ކަރަންޓު ކެނޑޭ ކުއްލި ހާލަތްތަކައް އަމާޒުކޮށްގެން ދުރާލައި ތައްޔާރުވުމަށް އިމަޖެންސީ ޕްލޭންތަކެއް އެކުލަވާލަމުންދާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީއިން ރޭގައި ބުނެފިއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުއާވިޔަތު މުޙައްމަދު ވިދާޅުވީ، މި އަހަރުގެ ފެބުރުއަރީ 28 ވަނަ ދުވަހު އީރާނާއި އެމެރިކާއިން ފެށި ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ މާކެޓާއި ލޯކަލް މާކެޓުގައިވެސް ތެލުގެ އަަގު ދެގުނަވެގެން ދިޔަ ކަމަށެވެ.
އެހެންކަމުން ކުއްލިއަކަށް ތެލަށް ކުރަންޖެހޭ ހޭދަ، އޭގެ ދެގުނަ ޚަރަދުކުރަން ޖެހުމަކީ ރާއްޖެފަދަ ނާޒުކު އިގްތިސޯދަކަށް ވަރަށް ބޮޑު ގޮންޖެހުންތަކެއް ހުންނާނެ ކަމެއް ކަމަށާއި އެކަން ފިލާވަޅަކަށް ބަލަންޖެހޭ ކަމެއް ކަމަށް މުއާވިޔަތު ވިދާޅުވިއެވެ.
”އެހެންވީމަ އެ އަޅުގަނޑުމެން ފިލާވަޅަކަށް އެބަ ބަލަންޖެހޭ. މިއީ ފުރަތަމަ ފަހަރެއް ނޫން. އަޅުގަނޑުމެން ހަނދާންހުރޭ 1990ގެ ކުރީކޮޅު އޭރު ފެށުނު ގަލްފު ހަނގުރާމައިގެ ތެރޭގައިވެސް އަޅުގަނޑުމެން ހަމަގައިމުވެސް ރާއްޖޭގެ އެކި ތަންތަނުން (ލޯޑް ޝޭޑިން) ކަރަންޓު ކެނޑުނު ގަޑިތަކަކަށް ބަހާލައިގެން“ ސްޓޭޓް މިނިސްޓަރު މުއާވިޔަތު ވިދާޅުވިއެވެ.
މީގެއިތުރުން އޭނާ ވިދާޅުވީ ރާއްޖެއަކީ 100 ޕަސެންޓު ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވެގެން އުޅޭބައެއް ކަމަށާއި ދުނިޔޭގެ ކޮންމެ ތަނަކަށްް އަންނަ ކޮންމެ ލޮޅުމަކަށް ރާއްޖޭގެ ހަކަތައިގެ ނިޒާމަށް ބަދަލު އަންނާނެ ކަމަށާއި އެކަމަށް އެންމެ އެކަށީގެންވާ ގޮތަކަށް ތައްޔާރުވާން ޖެހޭކަމަށެވެ.



