މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އެ މުއައްސަސާގެ ޚިދުމަތުގައި ސަވައިލަންސް ޑްރޯންއާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ރަސްމީކޮށް ފަށައިފިއެވެ.
މި ވަސީލަތްތައް ރަސްމީކޮށް އިފްތިތާޙުކޮށްފައިވަނީ ކަސްޓަމްސްގެ ޚިދުމަތަށް 136 އަހަރު ފުރުން ފާހަގަކުރުމަށް ރޭގައި ބޭއްވި ޚާއްސަ ޖަލްސާގައެވެ.
ކަސްޓަމްސްގެ މަސައްކަތްތަކުގައި އަލަށް ބޭނުންކުރަން ފެށި ސަވައިލަންސް ޑްރޯނަކީ އޮސްޓްރޭލިޔާ ސަރުކާރުގެ ފަރާތުން ހަދިޔާކޮށްފައިވާ އެއްޗެކެވެ.
މީގެ އިތުރުން މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެއް ކަމުގައި ކަސްޓަމްސްއިން މައުލޫމާތު ދީފައިވެއެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ ވިދާޅުވީ، ކުރިމަގުގައި ކަސްޓަމްސްގެ ޚިދުމަތްތައް ތަރައްޤީކޮށް ހަރުދަނާކުރުމަށް ގިނަ ކަންކަން ރޭވިފައިވާ ކަމަށެވެ. އަދި އަލަށް ތަޢާރަފްކުރެވުނު ބޮޑީވޯން ކެމެރާއާއި ސަވައިލަންސް ޑްރޯނަކީ ކަސްޓަމްސްގެ ކޮންޓްރޯލް ހަރުދަނާކުރުމަށް ފެށުނު ވަރަށް މުހިންމު މަސައްކަތެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.




