ކަސްޓަމްސްގެ ފައިސާއާ ގުޅުންހުރި ކަންކަން ފިނޭންސް މިނިސްޓްރީގެ މިންގަނޑުތަކަށް ބަދަލުކުރެވުމުން ބޯޑަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރެވޭކަމަށް ހޯމްލޭންޑް އެންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ކަސްޓަމްސްގެ 136 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ މޯލްޑިވްސް ކަސްޓަމްސް ސާވިސްއަކީ ސައްތައިން ސައްތަ ޤާނޫނު ތަންފީޒުކުރާ މުއައްސަސާއަކަށް ބަދަލުކުރުމަށްޓަކައި ކަސްޓަމްސްގެ ޒިންމާތަކަށް ބޮޑު ބަދަލެއް ގެނައުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި،
އެގޮތުން ފުރަތަމަ ފިޔަވަހީގައި، ފައިސާއާ ގުޅޭ ކަންކަން މިހާރު ކަސްޓަމްސްއިން ކުރަމުންދާ މަސައްކަތްތައް ފިނޭންސް މިނިސްޓްރީގެ މިންގަނޑުތަކަށް ބަދަލުކުރެވިގެންދާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.
އަދި ދެވަނަ ފިޔަވަހީގައި ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ކަސްޓަމްސްގެ ސަތޭކަ އިންސައްތަ ފޯކަސް ޤާނޫނު ތަންފީޒުކުރުމަށާއި ބޯޑަރުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބަދަލުކުރެވޭނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިއީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް މިފަދަ މުއައްސަސާތައް ޖަވާބުދާރީ ކުރުމަށްޓަކައި ވަކިކޮށް ބައްޓަންކުރާ އުސޫލުތަކެއްކަމަށްވެސް ވިދާޅުވިއެވެ.
”މިކަމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަރަށް މުހިންމު ބަދަލެއް. ޒަމާނީ ތަރައްޤީއާ އެކުގައި ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް މިފަދަ މުއައްސަސާތަކުގައި މި ދެ ޒިންމާ އޮފްބެލެންސްކުރޭ. ސަބަބަކީ އެއްބަޔަކު އަނެއް ބަޔަކަށް އެކައުންޓަބަލް ކުރުމަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މީގެ ތަފްސީލުތައް ވަރަށް އަވަހަށް ކަސްޓަމްސްގެ މުވައްޒަފުންނަށް ހިއްސާކުރާނަން.“ މިނިސްޓަރު ވިދާޅުވިއެވެ.




