އަސާސީ ކާބޯތަކެތީގެ ބައެއް ބާވަތްތަކުގެ އަގު ބާޒާރުގައި ބޮޑުތަނުން އުފުލިފައިވާކަމަށް ބައެއް ފަރާތްތަކުން ބުނިނަމަވެސް އެސްޓީއޯއިން ވިއްކާ ތަކެތީގެ އަގަށް ބޮޑު ބަދަލެއް ނާންނަ ކަމަށް އެކުންފުނިން ބުނެފިއެވެ.
ބައެއް ފިހާރަތަކުން އަގުބޮޑުކޮށް ވިއްކާ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ކެރެޓް ކިލޯއެއް އެސްޓީއޯއިން ވިއްކަނީ 40 ރުފިޔާއަށެވެ. އަދި ބިހެއް 2 ރުފިޔާއަށް ވިއްކާއިރު ބިސްކޭހެއްގެ އަގު އުޅޭނީ 415 ރުފިޔާއަށެވެ. އެހެނިހެން ބައެއް ބާވަތްތަކަށް ބަލާއިރު ފިޔާކިލޯއެއް 15 ރުފިޔާއަށް، ލޮނުމެދު ކިލޯއެއްގެ 50 ރުފިޔާއަށް އަދި އަލުވި ކިލޯއެއް އެސްޓީއޯއިން ވިއްކަނީ 12 ރުފިޔާއަށެވެ.
އެސްޓީއޯއިން ބުނީ ސާސީ ކާބޯތަކެތީގެ ޝޯޓޭޖެއް ނޫޅޭ ކަމަށާއި، އެކަށީގެންވާ މިންވަރަށް މިވަގުތު ސްޓޮކްވެސް އެބަހުރިކަމަށެވެ. އިގްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އަގުމަގު ޕޯޓަލްއިން ދައްކާގޮތުގައި މިމަހުގެ ކުރީކޮޅު ބާޒާރުގެ ބައެއް ފިހާރަތަކުން ކެރެޓް ކިލޯއެއް 25 ރުފިޔާއަށް ވިއްކާފައިވާއިރު 50 ރުފިޔާ އާއި 120 ރުފިޔާއާއި ހަމައަށްވެސް ކެރެޓް ކިލޯއެއްގެ އަގު އުފުލިފައި އެބަހުއްޓެވެ. އަދި ކުކުޅު ބިހުގެ އަގު ބައެއް ފިހާރަތަކުގައި 3 ރުފިޔާއަށް އުފުލިފައިވެއެވެ.
ބާޒާރުގައި ބައެއް ތަކެތީގެ އަގު އުފުލިފައިވާކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.




