މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ގިނަ ހަރަކާތްތަކެއް ހއ. ދިއްދޫ އަދި ހއ. ބާރަށުގައި ކުރިޔަށް ގެންގޮސްފި އެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ހއ. ދިއްދޫގައި ބޭއްވި ސިފައިންގެ ފޮޓޯ މައުރަޒު ނޮވެންބަރު 13 އިން 14 އަށް ބާއްވަފައި ވާއިރު، ނޮވެންބަރު 14 ވަނަ ދުވަހު ޝިޕް ވިޒިޓާއި، ސިފައިންގެ އަސްކަރީ ހުށަހެޅުމާއި، އަދި ކުޑަކުދިންގެ ހަވީރެއް ވަނީ ބާއްވައިފައެވެ.
އަދި ހއ. ބާރަށުގައި، ބޭއްވި ސިފައިންގެ ފޮޓޯ މައުރަޒު ނޮވެންބަރު 20 އިން 21 އަށް ބާއްވަފައި ވާއިރު، ނޮވެންބަރު 21 ވަނަ ދުވަހު ޝިޕް ވިޒިޓާއި، ސިފައިންގެ އަސްކަރީ ހުށަހެޅުމާއި، އަދި ކުޑަކުދިންގެ ހަވީރު ވަނީ ބާރަށުގައި ބާއްވައިފައެވެ.
ހއ.ދިއްދޫއަކީ، 3 ނޮވެންބަރު 1988ގެ ޢުދުވާނީ ހަމަލާގައި ޝަހީދުވި ހއ.ދިއްދޫ، ޗާންދަނީއާގެ ޝަހީދު އަލްމަރްޙޫމް ޢުމަރު އަޙްމަދު ނިސްބަތްވާ ރަށެވެ. އަދި ހއ.ބާރަށަކީ، 3 ނޮވެންބަރު 1988ގެ ޢުދުވާނީ ހަމަލާގައި ޝަހީދުވި ހއ.ބާރަށް، ސޯސަން، ޝަހީދު އަލްމަރްޙޫމް އިބްރާހީމް ޙުސައިން ނިސްބަތްވާ ރަށެވެ.
އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި މައުރަޒު ޚާއްޞަކޮށްފައިވަނީ 1988 ނޮވެންބަރު 3ވަނަ ދުވަހުގެ ޢުދުވާނީ ހަމަލާގައި ޝަހީދުވެ ދިޔަ، ޝަހީދުންގެ ޒިކުރާއާއި ދިވެހިންނަށް ލިބުނު ނަޞްރާއި ކާމިޔާބީއަށެވެ. މި މައުރަޒުން އެ ދުވަހުގެ ޢުދުވާނީ ހަމަލާތައް ފެށި ވަގުތުން ފެށިގެން ދިވެހިންނަށް ނަޞްރު ލިބުމާ ހަމައަށް ހިނގައިދިޔަ ކަންތައްތައް ވަގުތު ފީތާއެއް ގޮތަށް ސިފަ ކޮށްލެވޭނެހެން އެ ދުވަހުގެ ފޮޓޯތަކާއި، ކުރެހުންތަކާއި، އަޑާއި މަންޒަރާއި، އަދި ލިޔުންތައް ވަނީ ހިމަނާފައެވެ.
އެމްއެންޑީއެފް ކޯސްޓްގާޑު ނޫރައްދީން އަށް ކުރި ”ޝިޕްވިޒިޓު“ ގައި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ މުހިންމު މަޢުލޫމާތު ފޯރުކޮށްދީ، ކޯސްޓްގާޑުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ދައްކާލާފައި ވެއެވެ. އަދި ކަނޑުމަތީގެ ހާދިސާތަކުގައި އެ އުޅަނދުގައި ބޭނުންކުރާ ބައެއް އާލާތްތައް ބަލައިލުމާއި، އެ ތަކެއްޗާ އެކު ފޮޓޯ ނެގުމުގެ ފުރުޞަތު ވެސް ބައިވެރިންނަށް ވަނީ ދީފައެވެ. މި ޒިޔާރަތުގައި ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދީފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑު ނޫރައްދީންގައި މަސައްކަތްކުރާ ސިފައިންނެވެ.
އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ މެރިން ޑިޕްލޯއިމަންޓް ޔުނިޓް 6 (އެމްޑީޔޫ 6)ގެ މެރީންސުން ހުށަހަޅައިދިން މިލިޓަރީ ޑިސްޕްލޭއިން ދައްކައިދީފައި ވަނީ ދުސްމަނުން ނައްތާލުމަށް ޓަކައި ހޭސްޓީ އެޓޭކެއް މެރީންސުން ކުރިއަށްގެންދާގޮތެވެ. އެގޮތުން ދުޝްމަނުން އެ ސަރަހައްދުގައި އުޅޭކަމުގެ މަޢުލޫމާތު ލިބިގެން ޕެޓްރޯލްކުރަމުން ދަނިކޮށް، ދުސްމަނުން އިސްވެ ހަމާލާދޭން ފެށުމުން ރައްދުގައި ހަމަލާދީ ދުޝްމަނުންގެ ބަންކަރު ނައްތާލުމަށްފަހު، ދުޝްމަނުން ގާއިމްވެތިބި ގެއާ، ހަތިޔާރާއި ގޮވާތަކެތި ރައްކާކޮށްފައި ހުރި ގުދަން ގޮއްވާލައި ދުޝްމަނުން ބަލިކުރެއެވެ. މިލިޓަރީ ޑިސްޕްލޭއަށްފަހު ޢާއިލީ ހަވީރެއް ވެސް މި ދެރަށުގައި ވަނީ ކުރިއަށްގެންގޮސްފައެވެ. މި ޢާއިލީ ހަވީރުގައި އޮބްސްޓެކަލް ކޯހާއި، ޓަނަލް ކްރޮސިންގ، ރިވަރ ކްރޮސިންގ، މަންކީ ބަރ، ޒިގްޒެގް އަދި މައުންޓަން ކްލައިމްބްގެ އިތުރުން ސިފައިންނާ އެކު ފޮޓޯނެގުންފަދަ ހަރަކާތްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ.
މި ހަރަކާތްތަކުގެ މަގުސަދަކީ، ސިފައިންނާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި، ނަޞްރުގެ ދުވަހުގެ ޝަހީދުންނަށް ޓަކައި ދިވެހީންގެ ހިތްތަކުގައި އޮންނަ ޤައުމީ ފަޚުރާއި މުޖުތަމަޢުގެ އެއްބައިވަންތަކަމުގެ ރޫޙު އާލާކުރުމުގެ އިތުރުން، ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުމުގައި ޝަހީދުވި އަބްޠާލުން ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީގެ ހަނދާނާއި ޒިކުރާ އާކުރުމެވެ.
އެމްއެންޑީއެފް އިން ހއ. ދިއްދޫ އަދި ހއ.ބާރަށުގައި ބޭއްވި މި ހަރަކާތްތަކަށް އާންމުންނާއި ކުޑަކުދީންގެ ފަރާތުން ވަނީ އާދަޔާޚިލާފު ބޮޑު ތަރުހީބެއް ލިބިގެންގޮސްފައެވެ.


