ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހައްޔަރުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައި ކޯޓުން މިއަދު ތާއިދުކޮށްފިއެވެ.
ކުޑަކުއްޖަކާ ގުޅުން ހުރި މައްސަލައަކަށްވާތީ ސިއްރުކޮށްގެން ހައި ކޯޓުގައި ގެންދިޔަ ޝަރީއަތުގައި އިއްވި ހުކުމްގައި ވަނީ ކްރިމިނަލް ކޯޓުން އެ އަމުރު ނެރެފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށް ކަނޑައަޅައިފަ އެވެ. އެހެންކަމުން ޝާހިދުގެ ފަރާތުން އެދުނު ގޮތަށް އަމުރު ބާތިލުކޮށްދެވެން ނެތް ކަމަށް ހުކުމްގައި ވެއެވެ.
ޝާހިދު ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، އޭނާ ހައްޔަރުކުރީ މި މަހުގެ 2 ދުވަހުގެ ރެއެވެ. އޭނާ މިހާރު ހުރީ ކްރިމިނަލް ކޯޓުން ނެރެފައިވާ 30 ދުވަހުގެ ބަންދު އަމުރެއްގެ ދަށުން ޖަލުގައި ބަންދުކޮށްފައެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޝާހިދު ހައްޔަރުކުރީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.




