ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފަންޑުގެ އެހީތެރިކަމާއެކު މ. ދިއްގަރުގައި ކުރިއަށް ގެންދިޔަ ”ސަސްޓެއިނެބަލް އާބަން ފާމިން“ މަޝްރޫއު ނިންމައިލައިފިއެވެ.
”ސަސްޓެއިނަބަލް އާބަން ފާމިން“ މަޝްރޫއަކީ ހައިޑްރޯޕޯނިކްސް އާއި ވާޓިކަލް ފާމިން ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތި އުފެއްދުން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ މަޝްރޫއެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ.
އެ މަޝްރޫއު ދިއްގަރުގައި ކުރިއަށް ގެންދިޔައީ ދެލައްކަ ރުފިޔާގެ އެހީތެރިކަމާއެކު ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުމުގެ ފަރާތުންނެވެ.
ބީއެމްއެލް އިން ބުނިގޮތުގައި އެ މަޝްރޫއުގެ ބޭނުމަކީ ރަށުގައި އުފައްދާ ތާޒާ މޭވާއާއި ތަރުކާރީ ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި މުޖުތަމައަށް ދަނޑުވެރިކަމުގެ އަމަލީ ތަޖުރިބާއާއި މަޢުލޫމާތު ފޯރުކޮށްދިނުމާއި އިގުތިޞާދީ އައު ފުރުސަތުތައް ފަހިކޮށްދިނުމެވެ.



