ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އަށް މިހާތަނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 87 އިންސައްތަ މައްސަލައަށް ހައްލު ހޯދައިދެވިފައިވާ ކަމަށް އެ ކޯޕަރޭޝަނުން މިއަދު ބުނެފިއެވެ.
އެފްޑީސީން ބުނީ ކަސްޓަމާ ރިލޭޝަންޝިޕް މެނޭޖްމަންޓް (ސީއާރުއެމް) ގެ ސިސްޓަމް މެދުވެރިކޮށް ”އަމާން އުދަރެސް“ ޓަވަރުތަކާއި ”އަމާން ދޯދި“ ޓަވަރުތަކުގައި ދިރިއުޅޭ އާންމުން ހުށަހަޅާ ޝަކުވާތައް ވީ އެންމެ އަވަހަކަށް ހައްލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
އެގޮތުން ފަހި ޕޯޓަލާއި އީމެއިލާއި ރިސެޕްޝަން މެދުވެރިކޮށް މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ލިބުނު 7،749 ހުށަހެޅުމުގެ ތެރެއިން 6،746 ހުށަހެޅުމަށް އެކަށީގެންވާ ދާއިމީ ހައްލެއް ފޯރުކޮށްދެވިފައިވާ ކަމަށާއި އެއީ އެ ކޯޕަރޭޝަނަށް ލިބުނު މައްސަލަތަކުގެ ތެރެއިން 87 އިންސައްތަ މައްސަލަ ކަމުގައި އެފްޑީސީން ބުންޏެވެ. ބާކީ ހުރި މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
މެއިންޓެނަންސާ ގުޅުންހުރި ކަންކަމުގެ އިތުރުން ދެން ހުށަހެޅުންތައް ލިބިފައިވަނީ އެފްޑީސީން ބުނި ގޮތުގައި، ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމާއި މައުލޫމާތު އަދާހަމަކުރުމުގައި ދިމާވާ ދަތިތަކާ ގުޅޭ ގޮތުންނާއި ފުލެޓުތަކަށް ގެންނަން އެދޭ ބަދަލުތަކާ ގުޅޭ ގޮތުންނާއި ޓަވަރުތަކުގެ އާންމު ސަރަހައްދުތަކާއި ލިފްޓުތަކުގެ ޚިދުމަތް އިތުރަށް ފުޅާކުރުމާ ގުޅޭ ގޮތުންނެވެ.




