ބާޒާރުގައި ކެރެޓުގެ އަގު ކުއްލިއަކަށް އުފުލެން މެދުވެރިވީ ސަޕްލައިއަށް ދިމާވި މައްސަލައަކުން ކަމަށާއި، މިހާރު އެ މައްސަލަ ހައްލުކޮށް އަގު ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ބާޒާރުގައި ކެރެޓުގެ އަގު އިންތިހާއަށް އުފުލިގެން ދިޔުމާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ސަޢީދު ވިދާޅުވީ، ބެލިބެލުމުން އެނގުނު ގޮތުގައި އަގު އުފުލުނީ ސަޕްލައި ކުރުމުގައި ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށެވެ.
އެހެންނަމަވެސް، ބާޒާރުގައި ސަޕްލައި މަދުވެ އަގު އުފުލުނު ދަނޑިވަޅުގައިވެސް އެސްޓީއޯ މެދުވެރިކޮށް ކެރެޓު ކިލޯއެއް 40 ރުފިޔާއަށް ވިއްކަމުން ދިޔަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ސަޕްލައިގެ މައްސަލަ ދިމާވި ކުންފުނިތަކުގެ މުދާވެސް މިހާރު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ގުޅިގެން ކުރެވުނު މަސައްކަތުން ކްލިއަރ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން ވިޔަފާރިވެރިން އަގު ބޮޑުކޮށް ކެރެޓު ނުވިއްކަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން، ބާޒާރުގައި އަގު އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި އިތުރަށް ކެރެޓު ނެރުމުގެ ގޮތުން އެސްޓީއޯއިންވެސް އިތުރު ކެރެޓް ކޮންޓެއިނަރުތައް ކްލިއަރ ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.



