އެމެރިކާގެ މަޝްހޫރު ޔޭލް ޔުނިވަރސިޓީގައި ބޭއްވި މިއަހަރުގެ ވޯލްޑް ސްކޮލާސް ކަޕުގެ ”ޓޯނަމަންޓް އޮފް ޗެމްޕިއަންސް“ ގައި ވާދަކޮށް، ރާއްޖޭގެ ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރުން ފާހަގަކޮށްލެވޭ ފަދަ ބޮޑު ކާމިޔާބީއެއް ހޯދައިދީފިއެވެ.
ދުނިޔޭގެ އެކި ޤައުމުތަކުގެ އެންމެ މޮޅެތި ދަރިވަރުންގެ އިލްމީ އަދި އުފެއްދުންތެރި ހުނަރުތައް ވަޒަންކުރާ މި ޝަރަފުވެރި މުބާރާތުގައި 400 އަށްވުރެ ގިނަ ސްކޫލް ޓީމުތަކުން 1,200 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވިއިރު، މުބާރާތުގެ ފައިނަލް ސްޓޭޖުގައި ރާއްޖެ ތަމްސީލުކުރި ހަމައެކަނި ބައިވެރިންނަކީ ބިލަބޮންގް ހައިގެ މި ހަތަރު ދަރިވަރުންނެވެ.
މުބާރާތުގައި ”ޓީމު 365“ ގެ ނަމުގައި ވާދަކުރި ކާހިލް އަސީލް، އައިޒް އަލީ އަޒްވަރު އަދި ބިލާލް ޝަފްރާޒް ވަނީ މުޅި ދުނިޔެއިން 13 ވަނަ ޓީމުގެ ޝަރަފު ހޯދައި، ގަދަ 15 ޓީމުގެ ލިސްޓުން ޖާގަ ކަށަވަރުކޮށްފައެވެ. މި ޓީމުން މުބާރާތް ނިންމާލީ ޖުމްލަ 27 ރަން މެޑަލާއި 2 ރިހި މެޑަލްގެ ބޮޑު ކާމިޔާބީއަކާއެކުގައެވެ. މިއީ މީގެ ކުރިން ރާއްޖޭގެ ރީޖަނަލް ބުރުން 1 ވަނަ އަދި ބެންކޮކްގެ ގްލޯބަލް ރައުންޑުން 3 ވަނަ ހާސިލްކޮށްފައިވާ ޓީމެވެ.
މީގެއިތުރުން، އެހެން ޓީމެއްގެ ތެރެއިން ވާދަކުރި ބިލަބޮންގް ހައިގެ އައިޝަތު އަލީޝާ ވެސް ވަނީ އެއް ރަން މެޑައްޔާއި ދެ ރިހި މެޑަލް ހޯދައި، ރާއްޖެއަށް އިތުރު ފަޚުރެއް ހޯދައިދީފައެވެ.
ވަކިވަކި ދަރިވަރުންގެ ކާމިޔާބީއަށް ބަލާއިރު، ދަރިވަރު ކާހިލް އަސީލް ވަނީ ޔޭލްގެ މުބާރާތުގައި ތާރީޚީ ކާމިޔާބީތަކެއް ރެކޯޑުކޮށްފައެވެ. މުޅި މުބާރާތުގައި ބައިވެރިވި 1,200 އަށްވުރެ ގިނަ ދަރިވަރުންގެ ތެރެއިން 13 ވަނަ ހޯދުމުގެ އިތުރުން، އޭނާ ވަނީ ވާދަކުރި ހަ މާއްދާއިންވެސް ރަން މެޑަލް ކަށަވަރުކޮށްފައެވެ. ޖުމްލަ 14 އަށްވުރެ ގިނަ ރަން މެޑަލް ހޯދި ކާހިލް ވަނީ ”ޓީމް ޗެލެންޖް“ އިން 24 ވަނަ، ”ރައިޓިންގ“ ބައިން 46 ވަނަ އަދި ”އިންޑިވިޖުއަލް ޑިބޭޓް“ އިން 141 ވަނަ ހޯދާފައެވެ. މީގެކުރިން ބެންކޮކްގައި އޮތް ގްލޯބަލް ރައުންޑުގެ ވަކިވަކި ދަރިވަރުންގެ ބައިންވެސް އޭނާ ވަނީ 2 ވަނަ ހާސިލްކޮށްފައެވެ.
މި ކާމިޔާބީއާ ގުޅޭގޮތުން ކާހިލް ބުނީ، ދުނިޔޭގެ ފެންވަރުގައި ޔޭލްގެ ސްޓޭޖުގައި ރާއްޖެ ތަމްސީލުކުރުމަކީ ދުވަހަކުވެސް ހަނދާނުން ފޮހެވިގެންދާނެ ތަޖުރިބާއެއް ނޫން ކަމަށެވެ. އަދި އޭނާގެ މައިގަނޑު އަމާޒަކީ ދިވެހި ކުދިންނަކީވެސް ދުނިޔޭގެ އެންމެ މޮޅެތި ދަރިވަރުންނާ ކޮނޑުކަނޑައި ވާދަކުރެވޭނެ ގާބިލު ބައެއްކަން އަމަލުން ދައްކުވައިދިނުން ކަމަށް ބުންޏެވެ.
”މި ކާމިޔާބީގެ އަސްލަކީ އަހަރެންގެ ޓީމުގެ ބައިވެރިންނާއި، މުދައްރިސުން އަދި އާއިލާ،“ ކާހިލް ފާހަގަކުރިއެވެ.
ބިލަބޮންގް ހައި އިންޓަރނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް ޝަހީމް ވަނީ މި ހަތަރު ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރައްވައި މަރުޙަބާ ވިދާޅުވެފައެވެ. ޕްރިންސިޕަލް ވިދާޅުވީ ކާހިލް، އައިޒް، ބިލާލް އަދި އަލީޝާ ދައްކުވައިދިނީ ހިތްވަރާއި އެކުގައި މަސައްކަތްކުރުމުގެ ރޫހު ހުރެއްޖެނަމަ ބައިނަލްއަގުވާމީ މައިދާނުގައިވެސް ކާމިޔާބު ހޯދޭނެކަން ކަމަށެވެ.
އަދި މިއީ ސްކޫލަށް ލިބުނު ފަޚުރެއްގެ އިތުރުން، ރާއްޖޭގެ އެހެން ހުރިހާ ދަރިވަރުންނަށްވެސް ލިބުނު ބޮޑު ހިތްވަރެއް އަދި ނަމޫނާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.



