ޕެރިސް 2024 އޮލިމްޕިކްސް ގޭމްސްއަށް ރާއްޖޭގެ ފަރާތުންދާ ކޮންޓިންޖެންޓުންގެ ”ޝެފް ޑި މިޝަން“ އެއްގެ ގޮތުގައި ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް(ޓީޓީއޭއެމް)ގެ ރައީސް ޢަލީ ރަޝީދު އައްޔަންކޮށްފި އެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން މިކަން އިޢުލާން ކޮށްފައިވަނީ، މި އަހަރު ޕެރިސް 2024 އޮލިމްޕިކްސްގައި ބައިވެރިވާ ޤައުމީ ކުޅިވަރުގެ އެސޯސިއޭޝަންތަކާއި އެކު އިއްޔެެ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ބޭއްވި ހާއްސަ ބައްދަލުވުމެއްގަ އެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ބުނީ، ޝެފް ޑި މިޝަންއެން ކަނޑައެޅުމުގެ ސަބަބުން ދުނިޔޭގެ މި ޚާއްސަ ޝަރަފްވެރި ކުޅިވަރު އިވެންޓްގައި ބައިވެރިވުމަށް ތައްޔާރު ވަމުންދާ ޤަޢުމީ އެތްލީޓުންނަށް މަގު ދައްކައިދޭނެ ރަނގަޅު ލީޑަރެއް ހަމަޖެހި، އެ އެތުލީޓުންނަށް އިތުރު ހިއްވަރަކަށް ވެގެންދާނެކަމަށެވެ.
މިއަހަރުގެ އޮލިމްޕިކްސްގައި ދިވެހިރާއްޖޭގެ ފަރާތުން 3 ކުޅިވަރަކުން އެތްލީޓުން ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ. އެއީ، 100 މީޓަރު ސްޕްރިންޓް، ބެޑްމިންޓަން އަދި ޓޭބަލް ޓެނިސްކަން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ވަނީ ޢިޢުލާން ކޮށްފައެވެ. އަދި ހާއްސަ ގޮތެއްގައި ފާތިމަތު ދީމާ ޢަލީ އޮލިމްޕިކްސްގައި ވާދަ ކުރުމަށް މިދަނީ އޮލިމްކްސްއަށް ކޮލިފައިވެގެން ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ ފަރާތުންދާ އެތްލީޓުގެ ގޮތުގައެވެ.
މިއަހަރުގެ އޮލިމްޕިކްސް ބޭއްވުމަށް ހަމަޖެހިފައިވަނީ 26 ޖުލައި އިން 11 އޯގަސްޓަށް ފްރާންސްގެ ޕެރިސްގައެވެ. އަދި މިއަހަރަކީ ޕެރިސްގައި އޮލިމްޕިކްސް ބާއްވާ 3 ވަނަ ފަހަރުކަންވެސް ފާހަގަ ކޮށްލެވެއެވެ.



