ގެދޮރު ބިނާކުރުމަށް އަނބުރާ ދައްކަން ނުޖެހޭގޮތަށް ދޫކުރާ މާލީ އެހީއަށް އެދުމުގެ ފުރުސަތު އާދީއްތަ ދުވަހު ހުޅުވާލަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު އިއުލާނު ކޮށްފިއެވެ.
މިއީ ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމުގެ ޤައުމީ ސިޔާސަތު، ”ބޯހިޔާވަހިކަން އެންމެންނަށް“ މަޝްރޫޢުގެ ”ނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމު“ ގެ ދަށުން ކުރިއަށް ގެންދާ ސްކީމެކެވެ.
މި ސްކީމްގެ ދަށުން ގެދޮރު އިމާރާތްކުރުމަށް އެހީ ބޭނުންވާ ފަރާތްތަކަށް ހިލޭ އެހީ ދޫކުރުމަށް ”ހެލްޕް-ޓު-ބިލްޑް ސްކީމުގެ އުސޫލު“ މިހާރު ވަނީ ގެޒެޓް ކޮށްފައެވެ. މިއުސޫލުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާނީ، އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެންނެވެ.
ގެދޮރު ބިނާކުރުމަށް މާލީ އެހީއަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ http://hiyaavehi.housing.gov.mv ޕޯޓަލް މެދުވެރިކޮށެވެ.
މި އުސޫލުގެ ދަށުން، ގެދޮރު ބިނާކުރުމަށް މާލީ އެހީތެރިކަން ދޭ ފަރާތްތަކުގެ އަސާސީ ޝަރުތުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން އުމުރުން 18 އަހަރުވެފައިވާ ދިވެހި ރައްޔިތަކަށް ވުމާއި، ގޯތި ހުރި ތަނަކީ އެ ފަރާތެއް ދިރިއުޅެމުންދާ ރަށަށްވުން ހިމަނާފައިވެއެވެ. އަދި ދިވެހިރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި އެކަށީގެންވާ ގެދޮރެއް ހުރި ފަރާތެއް ނުވުންވެސް ހިމަނާފައިވެއެވެ. މީގެއިތުރުން ސަރުކާރުގެ ސްކީމަކުން ނުވަތަ އެނޫންވެސް ގޮތަކުން އަދި އެއްމެދު އިމާރާތަކުން ނަމަވެސް ގެދޮރު ލިބިފައިވާ ފަރާތަކަށް ނުވުން ޝަރުތުކޮށްފައިވެއެވެ. އަދި އަނބިމީހާ ނުވަތަ ފިރިމީހާގެ ގެދޮރު ނެތުމަކީވެސް ސްކީމުގެ ޝަރުތެކެވެ.
މި ފަރާތްތަކަށް ގެދޮރު އެޅުމަށް ހުށަހަޅާ ފަރާތުގެ އަމިއްލަ ނަމުގައިވާ ގޯތީގައި ގެދޮރު އެޅުމަށް ހުށަހެޅޭނީ 3 ހާލަތެއްގައެވެ. އެއީ:
° އަލަށް ގެ އިމާރާތް ކުރުމަށް
° ހަދަން ފަށާފައިވާ އިމާރާތެއް ނިންމުމަށް
° ބާވެފައިވާ އިމާރާތެއް އަލުން ބިނާކުރުމަށް
މާލެ ފިޔަވައި އެހެން ސަރަހައްދުތަކަށް ހިލޭ އެހީގެ ގޮތުގައި ދޫކުރާނީ، 200،000 ރުފިޔާއެވެ. ފުރަ މާލޭގައި ގެދޮރު އެޅުމަށް 200،000ރ. އިން ފެށިގެން 1،000،0000ރ. އާއި ހަމައަށް ހިލޭއެހީ ދޫކުރާނެއެވެ. އެހެންނަމަވެސް އެހީ ދޫކުރާނ،ީ ގޯތީގެ ވެރިފަރާތުގެ ތެރެއިން އެޕްލިކޭޝަން ހުށަހެޅުމާއެކު، ޝަރުތު ހަމަވާ ކޮންމެ މީހަކަށް ހިލޭ އެހީގެ ގޮތުގައި 200،000ރ. ގެ މަގުން ގިނަވެގެން 5 މީހުންނަށް ނިސްބަތްވާ މިންވަރަށެވެ.




