ވަޒީފާއާއި ހުނަރުގެ އެންމެ ބިޔަ ހަރަކާތް ކަމަށްވާ ”ވަރަ އެކްސްޕޯ 2026“ ބޮޑެތި ޕާޓްނަރުންނާއެކު މިއަދު ފަށައިފިއެވެ.
މި އެކްސްޕޯގެ މަގުސަދަކީ ދިވެހި ޒުވާނުންގެ ހުނަރުވެރިކަން ކުރިއަރުވައި، ވަޒީފާގެ ބާޒާރަށް އަހުލުވެރި ކުރުވުމެވެ.
ވަރަ އެކްސްޕޯ ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 28 އާ ހަމައަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
މި އެކްސްޕޯ ރަސްމީކޮށް ފައްޓަވައިދެއްވީ، ބަންޑާރަ ނައިބު އަހުމަދު އުޝާމްއެވެ. މި ރަސްމިއްޔާތުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާންއާއި ކެބިނެޓުގެ ބައެއް މިނިސްޓަރުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ސަފީރުންނާއި ބައެއް އެމްބެސެޑަރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިއީ މިނިސްޓްރީތަކާއި، ދައުލަތުގެ މުއައްސަސާތައް އަދި އަމިއްލަ ވިޔަފާރިތައް ގުޅިގެން ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތަކާއި، ބޭނުންވާ މުހިންމު ހުނަރުތައް އަދި އުފެއްދުންތެރިކަން ދައްކާލުމަށް ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު އެކްސްޕޯއެވެ. މި އެކްސްޕޯގެ ސަބަބުން ވަޒީފާ ފަހިކޮށްދޭ ފަރާތްތަކާއި މަސައްކަތުގެ މައިދާނަށް ނުކުންނަން ތައްޔާރުވާ ފަރާތްތައް އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، ވަޒީފާގެ މާހައުލާ ގުޅޭ އަގުހުރި މަޢުލޫމާތުތައް ބަދަލުކުރުމުގެ ފަހި ފުރުޞަތު ތަނަވަސް ވެގެންދާނެއެވެ.




