އިޒްރޭލް ވަކިވަކި ރައްޔިތުން ރާއްޖެ އެތެރެވުން މަނާ ކުރުމަށް ކެބިނެޓުން ނިންމާފައި ނުވާ ކަމަަަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އިޒްރޭލު ޕާސްޕޯޓު އޮންނަ މީހުން ރާއްޖެއަށް އައުން މަނާކުރަން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ހުށަހެޅުއްވި ބިލް މަޖިލީހުން ބަލައިގަނެ، މިހާރު އޮތީ ކޮމިޓީ މަރުހަލާގައެވެ.
އިއްޔެ އޭޖީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އުޝާމް ވިދާޅުވީ ސަރުކާރުން ވެސް ނިންމީ އެ މައްސަލައިގައި އިމިގްރޭޝަންގެ ގާނޫނަށް އިސްލާހި ހުށަހެޅުމަށް ކަމަށެވެ.
ނަމަވެސް މެންބަރު މީލާއިލް ވެސް ހަމަ އެ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވުމާއެކު ސަރުކާރުގެ ފަރާތުން އިތުރު ބިލެއް އެ މައްސަލައިގައި ހުށަނާޅާނެ އުޝާމް ވިދާޅުވިއެވެ.
މަޖިލިސް ގަވައިދު އޮންނަ ގޮތުން މަޖިލީހުގެ އެއް ދައުރެއް ތެރޭ، އެއް ލކަމަކަށް ދެ ބިލެއް ހުށަނޭޅޭނެއެވެ.
އުޝާމް ވިދާޅުވީ އެހެން ކަމުން މިހާރު އޮތް ބިލަށް ބޭނުންވާ އިސްލާހުތައް ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ބިލު މިހާރު އޮތީ އެ މައްސަލައަށް ހަލެއް ލިބޭ ގޮތަކަށް ނޫން ކަން ފާހަގަކުރައްވާ އުޝާމް ވިދާޅުވީ، އިޒްރޭލް ޕާސްޕޯޓު ހޯލްޑް ކުރާ ފަލަސްތީނުގެ ބައިވަރު ރައްޔިތުން ވެސް އެބަ ތިބި ކަމަށެވެ.
އެހެންވީމަ ބްލޭންކެޓް ބޭންއެއް އަޅުގަނޑުމެން އެހެން ކޮށްފި ނަމަ، ކިހިނެއްތޯ ވާނީ؟ އެހެންވީމަ، އެކަންކަމާ މެދު ވިސްނުމަށް ފަހު، އަޅުގަނޑުމެން މީގެ އެންމެ ރަނގަޅު ހައްލެއް ހޯދާނަން -އޭޖީ
އުޝާމް ވިދާޅުވީ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ގޮތަށް އިޒްރޭލު ޕާސްޕޯޓު އޮންނަ ހުރިހާ ގައުމެއްގެ ރައްޔިތުން ރާއްޖެ އެތެރެވުން މަނާކުރާ ގޮތަަށް ހަދައިފި ނަމަ، އެކަމުގެ އުނދަގޫތަކެއް ރާއްޖެއަށް ކުރިމަތިވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.
ބިލު މިހާރު ހުށަހަޅާފައި ވަނީ، އިމިގްރޭޝަން ގާނޫނުގެ އަށް ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކުރާ ގޮތަށެވެ. އޭގެ ނަތީޖާއަކީ، އިޒްރޭލް ޕާސްޕޯޓް އޮންނަ އެއްވެސް މީހަކަށް ރާއްޖެ އެތެރެވުން މަނާވުމެވެ.



