2023 ވަނަ އަހަރުން ފެށިގެން 2028 ވަނަ އަހަރުގެ ނިޔަލަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހަށަހަޅަން ޤަޞްދުކުރާ ބިލުތައް އެކުލެވޭ، ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާ ޝާއިޢުކޮށްފިއެވެ.
ލެޖިސްލެޓިވް އެޖެންޑާއާ ގުޅޭގޮތުން ބަނޑާރަނައިބު އަޙްމަދު އުޝާމް އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވައި، އެޖެންޑާގައި ހިމެނޭ ބިލުތަކާ ގުޅޭގޮތުންނާއި، ބިލުތައް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވާފައިވެއެވެ.
މައިގަނޑު 15 ދާއިރާއެއްގެ މައްޗަށް އެކުލެވޭ ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާގައި 213 ބިލެއް އެކުލެވެއެވެ. އެގޮތުން، މި ލެޖިސްލެޓިވް އެޖެންޑާގައި، ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ކަންކަން ތަންފީޛުކުރުމަށް ތަޢާރަފުކުރަންޖެހޭ ބިލުތަކާއި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށްޓަކައި ހުށަހަޅާ ބިލުތައް ހިމެނެއެވެ.
އޭގެ އިތުރުން، އަލަށް އެކުލަވާލަން ޖެހޭ ޤާނޫނުތަކާގުޅޭ ބިލުތަކާއި، މިހާރު އަމަލުކުރަމުންދާ ޤާނޫނުތަކުގެ ތެރެއިން، ޤާނޫނު ތަންފީޛުކުރުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށްޓަކައި އިޞްލާޙުގެންނަންޖެހޭ ޤާނޫނުތަކުގެ ބިލުތައް ހިމެނެއެވެ.
މި ލެޖިސްލެޓިވް އެޖެންޑާގައި ހިމެނޭ މައިގަނޑު ދާއިރާތަކުގެ ތެރޭގައި، ދުސްތޫރީ އަދި ޤާނޫނީ ކަންކަމާއި، އިސްލާމްދީނާއި ޤައުމިއްޔަތާއި، ޤައުމީ ސަލާމަތާއި ޚާރިޖިއްޔާ ހިމެނެއެވެ.
އަދި ކޮރަޕްޝަނާއި ކުށްކުރުން ހުއްޓުވުމާއި، ވިޔަފާރިއާއި އިޤްތިޞާދު، ފައިސާއާއި މާލީ ކަންކަމާއި ބިމާއި މުދަލާއި އުމްރާނީ ތަރައްޤީ ފާހަގަކޮށްލެވެއެވެ.
މިލެޖިސްލެޓިވް އެޖެންޑާ އެކުލަވާލާފައިވާނީ ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި ދައުލަތުގެ އެނޫންވެސް މުއައްސަސާތަކުގެ ލަފާއާއި މަޝްވަރާއާއެކުގައެވެ.




