މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި މޯލްޑިވްސް ނެޝަނަލް އެއާޓްރެފިކް ސާވިސް (އެމްނެޓްސް) ގުޅިގެން ކުރިއަށް ގެންދިޔަ އެޕްރޯޗް ކޮންޓްރޯލް ސަވޭލަންސް (އައިކާއޯ 054) ކޯސް ނިންމުމުގެ ރަސްމިއްޔާތުގެ ބާއްވައިފިއެވެ.
އެ ކޯހަކީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން އައިކޯގެ ސެޓިފައިޑް އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން ގަބޫލްކުރާ ފަންވަރުގެ އެޕްރޯޗް ކޮންޓްރޯލް ސާވޭލަންސް ކޯހެކެވެ.
ކޯސް ނިންމުމަށްޓަކައި ވީއައިއޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއޯއީ އަދި އެމްޑީ އިބްރާހިމް ޝަރީފް ވަނީ އެއާޓްރެފިކް ކޮންޓްރޯލަރުން އަދާކުރާ ވަޒީފާގެ މުހިއްމުކަމާއި ސަމާލުކަން ދޭންޖެހޭ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އޭގެ އިތުރުން އެމްނެޓްސްއަކީ އަލަށް އުފެދުނު ކުންފުންޏަކަށްވުމާއެކު ކުންފުނީގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ މުހިއްމުކަމަށް ވެސް އަލިއަޅުއްވާލެއްވިއެވެ.
އެ ރަސްމިއްޔާތުގައި އެމްނެޓްސްގެ މޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ ވެސް ވާހަކަދެއްވިއެވެ. ތޯހާ ވިދާޅުވީ އެފަދަ ކޯސްތައް ރާއްޖޭގައި ހިންގުމުގެ ގާބިލްކަން އެބަހުރި ކަމަށާއި އަދި އެކަމުގެ ސަބަބުން މުވައްޒަފުން ތަމްރީންކުރުމާށް ކުރާ ހޭދަ އެތައް ގުނައެއް ކުޑަކުރެވިފައިވާ ކަމަށެވެ.
އަދި ދިވެހި އިންސްްރަކްޓަރުންނާއިއެކު އެ ކޯސް ފުރިހަމަ ކުރެވުމަކީ މި ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ދުރާލާ ރާވައިގެން ކުރެވުނު މުހިންމު މަސައްކަތުގެ ނަތީޖާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެމްއޭސީއެލްއިން ބުނީ ރާއްޖޭގައި ބައިނަލްއަގްވާނީ ފެންވަރުގައި އޭވިއޭޝަން ތަމްރީން ކުރިއަށް ގެންދެވުމަކީ ކުންފުނީގެ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.




