ދިވެހިރާއްޖެއިން އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) އަށް ކަނޑައަޅާފައިވާ ސަފީރު މުޙައްމަދު ޙުސައިން ޝަރީފް، އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، އެ ގައުމުގެ ރައީސް އަދި އަބޫދާބީގެ ރޫލަރ ޝެއިޚް މުޙައްމަދު ބިން ޒައިދު އަލް ނަހްޔާންއަށް ބުދަ ދުވަހު އަރުވައިފިއެވެ.
އެ ގައުމުގެ ރިޔާސީ ގަނޑުވަރު ޤަސްރު އަލް ވަޠަންގައި ބޭއްވުނު ރަސްމިއްޔާތެއްގައި، ދިވެހިރާއްޖޭގެ އައު ސަފީރު ވަނީ ޔޫއޭއީގެ ރައީސްއަށް ފަތްކޮޅު އެރުވުމުގެ އިތުރުން ގަނޑުވަރުގައި ދިވެހި ދިދަ ނަންގަވާފައެވެ.
ފަތްކޮޅާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޝެއިޚް މުޙައްމަދު ބިން ޒައިދު ވަނީ އެކުވެރި ޢަރަބި އިމާރާތާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ އަޚުވަންތަކަމުގެ ގުޅުމަށް އަލިއަޅުވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ދިވެހިރާއްޖެއިން ޔޫއޭއީއާއެކު ޤާއިމްވެފައިވާ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރައްވަން ކުރައްވާ މަސައްކަތްޕުޅަށް އަލިއަޅުވާލެއްވިއެވެ.
ދިވެހިރާއްޖެއިން އެކުވެރި ޢަރަބި ޢިމާރާތަށް ކަނޑައެޅުއްވި ސަފީރު މުޙައްމަދު ޙުސައިން ޝަރީފް ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުންނާއި ދިވެހި ރައްޔިތުންގެ ފަރާތުން ޔޫއޭއީގެ ވެރިންނަށާއި ރައްޔިތުންނަށް ފުރިހަމަ ޞިއްޙަތާއި ކާމިޔާބީއަށް އެދިވަޑައިގަތެވެ.
އަދި ސަފީރުގެ ހައިސިއްޔަތުން ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތްގުޅުން އިތުރަށް ބަދަހިވެ، ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރައްވާނޭކަމުގެ ޔަޤީންކަން ދެއްވިއެވެ.
ދިވެހިރާއްޖެއާއެކު އޮންނަ ގުޅުން އެކި ރޮނގުރޮނގުން ފުޅާކުރުމަށް ޔޫއޭއީ އޮތީ ތައްޔާރަށްކަމަށް ޔޫއޭއީގެ ރައީސް ވިދާޅުވިއެވެ.
އަދި އައު ސަފީރާއެކު މި މުހިންމު ލަނޑުދަނޑި ހާޞިލްކުރެއްވުމަށް އެގައުމުގެ ސަރުކާރުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އެ މަނިކުފާނު ދެއްވިއެވެ.
އެ ރަސްމިއްޔާތުގެ ފަހުން ބޭއްވުނު ބައްދަލުވުމުގައި ޝެއިޚް މުޙައްމަދު ބިން ޒައިދު އަލް ނަހްޔާން ދެއްކެވި ވާހަކަފުޅުގައި މި ރަސްމިއްޔާތުގައި ސަފީރުކަމުގެ ފަތްކޮޅު އެރުވި އެކިއެކި ޤައުމުތަކުގެ ސަފީރުންނަށް މަރުހަބާ ވިދާޅުވިއެވެ އެ ސަފީރުންގެ ޤައުމުތަކާއެކު އިތުރަށް ގުޅުންތައް ހަރުދަނާކުރުމަށް އެކުވެރި ޢަރަބި ޢިމާރާތުން ބޭނުންވާކަން ހާމަކުރެެއްވިއެވެ.
އަދި ސަފީރުންގެ މަސައްކަތްޕުޅަށް ބޭނުންފުޅުވާ ކަންކަމުގައި އެކުވެރި ޢަރަބި އިމާރާތުގެ ސަރުކާރުން ފުރިހަމަ އެހީތެރިކަން ފޯރުކޮށްދެއްވާނޭކަން ކަށަވަރު ކޮށްދެއްވިއެވެ.
ދިވެހިރާއްޖެއާއި އެކުވެރި ޢަރަބި އިމާރާތާ ސިޔާސީ ގުޅުން ޤާއިމްކުރެވުނީ 15 މާރޗް 1978 ވަނަ އަހަރުއެވެ.
މުޙައްމަދު ޙުސައިން ޝަރީފަކީ ދިވެހިރާއްޖެއިން އެކުވެރި ޢަރަބި އިމާރާތަށް ކަނޑައެޅުއްވި ހަވަނަ ސަފީރެވެ.


