ރާއްޖެ އިން މި އަހަރު ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިން މިހާރު ތިބީ އަރަފާތު ބިމުގައި ކަމަށާއި އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މީޑިއާތަކަށް މިނިސްޓަރު ފޮނުވި މެސެޖެއްގައި ވިދާޅުވީ، ވަކި ހައްޖުވެރިއަކު ބަލިވެގެން ހާއްސަ ހާލަތެއް މެދުވެރިވި ކަމުގެ ރިޕޯޓެއް މިވަގުތު ލިބިވަޑައިގެންފައި ނުވާ ކަަމަށެވެ.
މިނިސްޓަރު ވިދާޅުވީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހުރިހާ އިންތިޒާމެއް ވެސް ހަމަޖައްސާފައި ވަނީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދިހައްޖު މިޝަނުން ވެސް ވަރަށް ގާތުން ބަލަމުން ގެންދާ ކަމަށް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ އެމަނިކުފާނު ވެސް މިހާރު ހުންނެވީ އެތަނުގައި ކަމަށާ ވަރަށް ގާތުން ހައްޖުވެރިންގެ ކަންތައްތައް ބަލަމުން ދާ ކަމަށެވެ.
މިއަދުގެ އިރުއޮއްސުމާ ހަމައަށް އަރަފާތު ބިމުގައި ހައްޖުވެރިން ތިބޭނެ. އޭގެ ފަހުން މުޒްދަލިފާ އަށް ދަތުރު ފަށާނެ، ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ، އެހެން ފަހަރުތަކާ ބަލާއިރު މި ފަހަރު ހައްޖުގެ ކަންތައްތަކުގެ ފެންވަރު ވަރަށް ރަނގަޅު ކަމަށެވެ. އެހެންވެ، ސައޫދީ ސަރުކާރުގެ އިސްވެރިންނަށް ހާއްސަ ޝުކުރެއް މިނިސްޓަރު ދެންނެވިއެވެ.
ރާއްޖެއިން މި އަހަރު 1،150 އަށް ވުރެ ގިނަ މީހުން ހައްޖަށް ވަނީ ގޮސްފައެވެ.




