ހދ. ނޮޅިވަރަމް ފުޓްސަލް ދަނޑުގައި އަޅާފައިވާ މެޓުތަކުގައި ބަޔަކު އަލިފާން ރޯކޮށްލައިފިއެވެ.
ފުލުހުން ބުނި ނޮޅިވަރަމް ގެ ފުޓްސަލް ދަނޑުގައި އަލިފާން ރޯވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވަނީ ރޭ ފަތިހު 5:24 ގައި ކަމަށެވެ. އަދި މި މައްސަލައިގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދިނެވެ.
ރަށުގެ ބައެއް ފަރާތްތަކުން ނަން ނުޖެހުމަށް ޝަރުތު ކޮށް ”ސައުވީސް“ އާ ވާހަކަ ދައްކަމުން ބުނީ ބެލެވޭ ގޮތުގައި ފުޓްސަލް ދަނޑުގައި ބަޔަކު ގަސްތުގައި ރޯކޮށްލީ ކަމަށެވެ. އަދި އެކަން ބަޔަކު ކޮށްފައިވަނީ ނޮޅިވަރަމް ކައުންސިލާއި ދޭތެރޭގައި އޮތް ހިތްހަމަނުޖެހުމެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށްވެސް އެރަށުން ”ސައުވީސް“ އާ ވާހަކަ ދެއްކި މީހަކު ބުންޔެވެ. އޭނާ ބުނީ މީގެ ކުރިންވެސް 2 ފަހަރެއްގެ މަތިން އެރަށު ފުޓްސަލް ދަނޑުގައި ބަޔަކު ރޯކޮށްލާފައިވާ ކަމަށެވެ.
ނޮޅިވަރަމް ފުޓްސަލް ދަނޑުގައި ރޯކޮށްލާފައި މިވަނީ އީދާއި ގުޅިގެން އެރަށުގައި ފުޓްސަލް މުބާރާތެއްވެސް ބޭއްވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.
މަންޒަރުދުށް ބައެއް ފަރާތްތަކުން ”ސައުވީސް“ އާއި ހިއްސާ ކުރި ވީޑިއޯ ތަކުން ފެންނަ ގޮތުން އެރަށުގެ ފުޓްސަލް ދަނޑުގައި އަޅާފައިވާ މެޓު ތަކުގެ ބޮޑު ބައެއްގައި ވަނީ ރޯވެފައެވެ.
މި މައްސަލަ މިހާރު ފުލުހުން އަންނަނީ ތަހުޤީގު ކުރަމުންނެވެ.


